ރިޕޯޓް

"ފުލުހުންގެ ވާޖިބަށް ހުރަސް އަޅާނަމަ ޤާނޫނީ ފިޔަވަޅު އަޅާނަން"


ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި، ފުލުހުންނަށް ހާނީއްކާކުރުން ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުއްމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ، ފުލުހުންގެ ޤައުމީ ވާޖިބު އަދާކުރެއްވުމުގައި އުޅުއްވަނިކޮށް ދުނިޔެ ދޫކޮށްދިޔަ ކޮންމެ ފުލުހަކީވެސް، ދިވެހި ރައްޔިތެއްގެ ފުރާނަ ނުވަތަ ޤައުމުގެ މަޞްލަޙަތު ރައްކާތެރިކޮށްދެއްވަން ގަދައަޅާ ކުރެއްވި މަސައްކަތުގެ ތެރޭގައި ޝަހީދުވި އިޚްލާޞްތެރި ހިތްވަރު ގަދަ ބަޠަލެއް ކަމަށެވެ. އަދި އެއީ މުޅި ޤައުމުވެސް ފަޚުރުވެރިވުން ޙައްޤު ޝަޚުޞިއްޔަތުންތަކެއް ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ، މީގެތެރެއިން ޝަހީދުވި ބައެއް ބޭފުޅުން ވަކިވެވަޑައިގަތީ، އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތުނު ބައެއްގެ ނުރަނގަޅު ޢަމަލުތަކުގެ ސަބަބުންކަމަށެވެ. އަދި ރައްޔިތުންގެ ޙައްޤުގައި ދުވަސްތައް ގުނަމުންދާ ހަށިފާރަވެރިޔާގެ ފުރާނަ ރައްޔިތެއްގެ އަތުން ނައްތައިލެވުމަކީ ވަރަށް ހިތްދަތި މާނަތަކެއް އެކުލެވޭ، ހިތި އަސަރުތަކެއް ކުރުވާ ކަމެއްގެގޮތައި ކޮމޮޝަނަރ ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއަކީ، ދީނާ ޤައުމުގެ ދިފާޢުގައި ޝަހީދުވާ ކޮންމެ ޝަހީދަކީ މަތިވެރި ނިޢުމަތުގައި ވާނޭ މީހެއްކަން. އަޅުގަނޑުމެން އަބަދުވެސް އަހަނީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއްކަމަށް ވާން ޖެހޭކަން. އެއް އާއިލާއެއްގެ ގޮތުގައި އުޅެން ޖެހޭކަން. މަޞްލަޙަތާއި ސަލާމަތްކަމާއި އަމާންކަން އަބަދު ވެސް ކުރިޔަށް ނެރެން ޖެހޭކަން" ކޮމިޝަނަރ އޮފް ޕޮލިސް، ޢަހްމަދު ޢަރީފް ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ އަޙްމަދު ޢަރީފް ވިދާޅުވީ، އިންސާނެއްގެ އެންމެ އަގު ބޮޑު ޖައުހަރަކީ އޭނާގެ ފުރާނަކަމަށާއި، ޝަރުޢީ ހައްދެއްގެ ސަބަބުން ވަކި އިސްތިސްނާއެއްގައިވާ މީހުން ފިޔަވައި، ކޮންމެ އިންސާނަކަށްވެސް ފުރާނައަށް ބިރެއް ނެތި ދިރިއުޅުމުގެ ޙައްޤު ލިބިފައި އޮންނަން ޖެހޭކަމަށެވެ. އަދި ޤާނޫނުގެ އިމުގެ ތެރޭގައިވާ ހިނދު ކޮންމެ ރައްޔިތަކަށް ފުލުހުން ފުށުން ހުރަހެއް ކުރިމަތި ނުވެ، ރައްކާތެރިކަން ލިބިގެންދާ ފަދައިން، ޤާނޫނީ ވާޖިބު އަދާކުރުމުގައި ފުލުހުންނަށް އެއްވެސް މީހެއްގެ ކިބައިން ހުރަހެއް އެޅިގެން ނުވާނެކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބަށް އެއްވެސް ހުރަހެއް ކުރިމަތިކުރެވޭނަމަ، އެ ހުރަހެއް ގިރާކުރައްވާނެކަމަށެވެ.

"ބައެއް ބޭފުޅުން ޝަހީދުވެފައި ވަނީ ގަސްތުގައި ދެވިފައި ވާ ޢުދުވާނީ ޙަމާލާތަކުގާ. އެހެންކަމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް އިހާނެތި ބަސްބުނުމާއި ފުލުހުންނަށް ހާނީއްކާކުރުމުގެ ކިތަންމެ ކުޑަ އަމަލެއްކަމުގައި ވިޔަސް އަޅުގަނޑު އެކަމެއް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި އެ ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނު ހިންގައި، ޤާނޫނީގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު ފަސްނުޖެހޭނެކަމުގައި ދަންނަވަން. މި ޤައުމަށްޓަކައި، މި މުއައްސަސާއަށް ޓަކައި" ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ދިވެހިފުލުހުންގެ ޝަރަފުވެރި ޔުނީފޯމު އެޅުމުގެ ނަޞީބު ލިބިއްޖެ ކޮންމެ ދިވެހި ދަރިޔަކު މި އަމާނާތަށް އޭނާގެ މުޅި ޢުމުރުގައި ރައްކާތެރިވުމަކީ ރީތީ މާތް އަޚްލާޤުގެ މަތިވެރި ސިފައެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ޙުރުމަތް ދަމަހައްޓަވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމުގެ އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރައްވަމުންދާ މަސައްކަތށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކޮމިޝަނަރ ގޮވާލެއްވެވިއެވެ.