ޓުއަރިޒަމް

ދުނިޔޭގެ 7 އަޖާއިބުގެ ތެރެއިން - ހަ ލޮންގް ބޭ


ހަ ލޮންގް ބޭ އަކީ ދެކުނު އިރުމަތި އޭޝިޔާގެ ޤައުމެއްކަމަށްވާ ވިއެޓްނާމްގައި އޮންނަ ގާތްގަނޑަކަށް 1500 ޖަޒީރާގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. މި ސަރަޙައްދު އޮންނަނީ ވިއެޓްނާމްގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ގަލްފް އޮފް ޓޮންކިންގައެވެ. މި ހިތްގައިމު ޤުދުރަތީ ސަރަޙައްދަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް މި ޖުލައި މަހު ލިބުނު ލިބުމަކީ އަޅުގަނޑުގެ ޙަޔާތުގައި ކުރެވުނު މުހިންމު އައު ތަޖުރިބާއެކެވެ.

ވިއެޓްނާމްގެ ވެރިޔަށް ހަނޯއީން ހަ ލޮންގް ބޭ އޮންނަ ކުއަން ނިން ޕްރޮވިންސަށް ބަހުގައި ދިއުމަށްޓަކައި 3 ގަޑިއިރު އަޅުގަނޑަށް ހޭދަކޮށްލަންޖެހުނެވެ. އަދި އެއަށްފަހު ހަ ލޮންގް ބޭގެ ޖަޒީރާތަކަށް ދިއުމަށް ބައިގަޑިއިރުގެ ފެރީ ދަތުރެއް ކުރަންޖެހެއެވެ. ނަމަވެސް ހަ ލޮންގް ބޭއަށް ދެވުމާއެކު، އެތަނުގެ ރީތިކަމާއި ހިތްގައިމުގެކަމުގެ ސަބަބުން ދަތުރުގެ ވަރުބަލިކަން މުޅިން ފިލައިގެންދިޔައެވެ.

ޖަޒީރާތަކެކޭ ބުނުމުން، ޢާންމުކޮށް ދިވެހިންގެ ހިތަށް ގެނެވޭނީ ރާއްޖޭގެ ރަށްތަކެވެ. ނަމަވެސް ހަ ލޮންގް ބޭގެ ރަށްތަށް ތަފާތެވެ. އެރަށްތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކާ މުޅިން ތަފާތުކޮށް، އެތައް މީޓަރެއް އުސްކޮށް އުފެދިފައިވާ ރަށްތަކެކެވެ.

img:http://s3.psmnews.mv/images/660x400/14696950837020.jpg|ހަ ލޮންގެ ބޭގެ ރަށްތައް ހުންނަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އެތައް ސަތޭކަ މީޓަރު އުސްކޮށް

ހަ ލޮންގް ބޭގެ ރަށްތަށް އުސްކޮށް ހުންނައިރު ތަފާތު އެކި އެއްޗެހީގެ ބައްޓަމަށްވެސް ބައެއް ރަށްތައް އުފެދިފައިހުރެއެވެ. ދޮންވެލީގެ ގޮނޑުދޮށްތަކެއް ނުހުރެއެވެ. ނަމަވެސް ގަސްގަހާގެހީގެ ތަފާތު ބާވަތްތައް މިރަށްތަކުގައި ހެދެއެވެ. މީގެތެރޭގައި ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ގަސްގަހާގެހީގެ ބާވަތްތައް ހިމެނެއެވެ. އަދި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ޖަނަވާރުތައްވެސް މިރަށްތަކުގައި ދިރިއުޅެއެވެ.

މިފަދަ ގިނަގުނަ ސަބަބުތަކަށްޓަކައި 1994 ވަނަ އަހަރު ޔުނެސްކޯއިން ވަނީ ހަ ލޮންގް ބޭ އަކީ ޙިމާޔަތްކޮށްފައިވާ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި 2011 ވަނަ އަހަރު އަލަށް ކަނޑައެޅި ދުނިޔޭގެ ހަތް އަޖާއިބުގެ ތެރޭގައިވެސް ހަ ލޮންގް ބޭ ވަނީ ހިމެނިފައެވެ.

img:http://s4.psmnews.mv/images/660x400/14696952810053.jpg|ހަ ލޮންގް ބޭގެ ޖަޒީރާތައް

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހަ ލޮންގް ބޭ ހިމެނިގެން ދިއުމާއެކު، އޭޝިޔާ ބައްރުގައި އޮންނަ އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ އެއް މަންޒިލަކަށް މިތަން ވެގެންދިޔައެވެ. މިދިޔައަހަރުވެސް 7.7 މިލިއަން ފަތުރުވެރިން ހަ ލޮންގް ބޭ ނިސްބަތްވާ ކުއާން ނިން ޕްރޮވިންސަށް ޒިޔާރަތްކުރިއެވެ.

ހަ ލޮންގް ބޭގައި ފަތުރުވެރިންނަށްޓަކައި ތަފާތު ގިނަ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އޭގެތެރޭގައި ޖަޒީރާ ރަށްތައް ވަށައިގެން ފެރީއާއި ސަފާރީ އުޅަނދުތަކުގައި ދަތުރުކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ބޭނުންނަމަ އުޅަނދުތަކުގައި ދެތިން ރޭ ވަންދެން އެސަރަޙައްދުގެ ހިތްގައިމު މާޙައުލުގައި މަޑުކޮށްލެވިދާނެއެވެ.

މިކަންކަމުގެ ތެރެއިންވެސް އަޅުގަނޑަށް އެންމެ ކަމުދިޔައީ ރަށްތަކުގެ ތެރޭގައިވާ ބިޔަ ހޮހަޅަތަކުގެތެރެ ބަލާލުމެވެ. މިރަށްތަކަކީ އުސްކޮށް ހުންނަ ރަށްތަކެއްކަމުން، ހޮހަޅަތަކަށް ވަންނަން އޮންނަ ދޮރާހަމައަށް ދެވެނީ 200 އެއްހާ ހަރުފަތުގެ ސިޑިއެއް ގިރާކުރުމަށްފަހުއެވެ. ހޮހަޅަތަކުގެ ތެރެއަށް ވަންނަން ހުންނަ ދޮރު ކިތަންމެ ކުޑަނަމަވެސް، އެތަނުގެ ތެރެއަށް ވަނުމާއެކު އެތަނުގެ ބިޔަކަމާއި ރީތިކަން ފެނިގެންދިޔައެވެ. ހޮހަޅަތަކުގެ ތެރެ އޮތީ އެކި ކުލަކުލައިން ދިއްލާލާފައެވެ. އަދި ހޮހަޅަތަކުގެ މަތިން އިރުގެ އަލި ވަންނަ ގޮތަށް ހުރި ބައެއް ބާގަނޑުތަކުން، އެތަނުގެ ތެރެއަށް އިރުގެ އަލި ރީތި ކުރެހުންތަކެއް ފަދައިން އެކި ޑިޒައިންތަކަށް އެޅިފައިހުރެއެވެ. ހޮހަޅަތަކުގެ އެތެރެ ފިންޏެވެ.

img:http://s1.psmnews.mv/images/660x400/14696954933481.jpg|ހަ ލޮންގް ބޭގެ ޖަޒީރާއެއްގެ ހޮހަޅަތެރޭ ބަލާލުމަށް ބަޔަކު ހަރަކާތްތެރިވަނީ

މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޙަރަކާތްތެރިވާ ގައިޑުން މިތަނާ ގުޅޭ ތަފާތު ވާހަކަތައް ކިޔައިދެއެވެ. މީގެތެރެއިން ގިނަ ވާހަކަތައް ގުޅިފައިވަނީ ޚިޔާލީ ޖަނަވާރެއް ކަމަށްވާ "ޑްރެގަންސް" އާއެވެ.  ހަ ލޮންގް ބޭގެ ނަންވެސް ގުޅިފައިވަނީ މި ޖަނަވާރާއެވެ.

ހޮހަޅަތައް ބަލާލުމުގެ އިތުރުން އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަ ފިހާރަތަކެއް އެތަނުގައި ހުރެއެވެ. ޢާއްމުގޮތެއްގައި ހުންނަނީ ރާއްޖޭގައިވެސް ފަތުރުވެރިންނަށް ވިއްކުމަށް ގެސްޓް ޝޮޕްތަކުގައި ހުންނަ ހަނދާނީ ހަދިޔާފަދަ ތަކެއްޗެވެ.

img:http://s2.psmnews.mv/images/660x400/14696957234826.jpg|ހަ ލޮންގް ބޭ ނިސްބަތްވާ ކުއާން ނިން ޕްރޮވިންސްގެ ގެސްޓް ޝޮޕެއް

ހޮހަޅަތަކާއި ގެސްޓްޝޮޕްތައް ބަލާލުމަށްފަހު ދަތުރު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަތުރުކުރި ސަފާރީ އުޅަނދުގައި ހަ ލޮންގް ބޭގެ ޖަޒީރާ ރަށްތަކުގެ ކައިރިން ދުއްވާލީމެވެ. ހޫނު ނަމަވެސް ކޮންމެވެސް ވަރަކަށް ވައިޖެހެމުން ދިޔުމުން ހޫނުކަމުގެ އުނދަގޫ ކުޑަވިއެވެ. ރަށްތަކުގެ ކައިރިން ދުއްވާލާފައި ދިޔައިރު ކަޅިޖަހައިނުލާ ރަށްތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެވެއެވެ. ހަމަ އެހާމެ ރީއްޗެވެ. ބައެއް ރަށްތައް ހުންނަނީ ދޫންޏެއް ނުވަތަ ކޮންމެވެސް ޖަނަވާރެއް ސިފަވާ ކަހަލަ ގޮތަކަށެވެ. އަދި އެހެން ހުންނަ ރަށްތަކަށް އެގޮތުން ނަން ދީފައިވެސް ހުރެއެވެ.

img:http://s3.psmnews.mv/images/660x400/14696959983079.jpg|ހާލެއްގެ ބޯ ހުންނަހެން އުފެދިފައިވާ މި ދެ ރަށަށް ނަން ދީފައިވަނީވެސް އެކަމާ ގުޅުވައިގެން

ހަ ލޮންގް ބޭއަށް ކުރި ދަތުރު ނިންމާލިއިރު ހުރީ އެތަން ދޫކޮށް ދާހިތް ނުވެފައެވެ. މާޙައުލުގެ ހިތްގައިމުކަމާއި ރީތިކަމާ ހުރެއެވެ. އެތަނުގެ ޤުދުރަތީ ރީތިކަމުން ހަމަ ގައިމުވެސް ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި އެތަން ހިމެނުމަކީ މަޖުބޫރުވާނޭ ކަމެއްކަން އަޅުގަނޑަށް ކަށަވަރެވެ.

ހަ ލޮންގް ބޭ އަށް ކުރި ދަތުރަށްފަހު އެޖަޒީރާތަކުގެ ރީތިކަން އަޅުގަނޑުގެ ހިތުގައިވަނީ ބިންވަޅު ނެގިފައެވެ. އެނބުރި އައިސް ރާއްޖެއަށް ބަނދަރުކުރިއިރުވެސް އެ ހަނދާންތައް ވަރުގަދައަށް އެބަހުއްޓެވެ. އޭއާއެކު ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ގޮނޑުދޮށްތަކުގެ ސާފުކަމާއި ނަލަކަމާއި ހުދުފަޅުތަކާއި ނޫވިލުތަކާއި ސާފުކަނޑުތަކާއި އެ ކަނޑުތަކުގެ އަޑީގެ ބަގީޗާތައް، ކުރިން ދެކެފައި ނުވާ މީހުންގެ ސިކުނޑިއާ އެތަންތަން ކުޅެލާނެ މިންވަރު އަޅުގަނޑަށް ވަޒަންކޮށްލެވުނެވެ.