ތަރައްްޤީ

ކާރިޘާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ޚާއްސަ ލޯނެއް


ކާރިޘާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ގެދޮރު ހެދުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އާ ލޯނެއް ތައާރަފްކޮށްފިއެވެ. ބޭންކާއި ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ތައާރަފްކުރި "ބީއެމްއެލް ޑިޒާސްޓަރ ރިލީފް ލޯން" ތައާރަފްކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

"ބީއެމްއެލް ޑިސާސްޓަރ ރިލީފް ލޯން" އަމާޒުކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއި، ފެން ބޮޑުވުން، ރާޅު އެރުން، ސުނާމީ ނުވަތަ އަލިފާނުގެ ޙާދިސާ ފަދަ ބޮޑެތި ހާދިސާތަކުގެ ސަބަބުން ދިރިއުޅެމުންދާ ތަނަށް ގެއްލުން ލިބޭ އަމިއްލަ ފަރުދުންނަށެވެ. މި ލޯނުގެ ސަބަބުން އެފަދަ ކާރިސާތަކުން ގެއްލުން ލިބޭ އާއިލާތަކަށް ވީހާވެސް އަވަހަކަށް އާންމު ދިރިއުޅުމަށް ރުޖޫޢަވެވޭނެ މަގުފަހިވެގެންދާނެކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ދެކެވަޑައިގަންނަވައެވެ. 

މި ފަދަ ލޯން ޙާދިސާއަކުން ގެދޮރަށް ލިބޭ ގެއްލުމުގެ ޖުމްލަ އަގުގެ 40 އިންސައްތަ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދެއްވުމަށް ވަނީ ނިންމަވާފައެވެ. ބާކީ 60 އިންސައްތައަށް ބޭންކުން ފައިނޭންސް ކޮށްދޭނެއެވެ. މި ގޮތުން ކަނޑައެޅިފައިވާ އެންމެ މަތީ އަދަދަކީ 510،000 ރުފިޔާއެވެ.

img:http://s4.psmnews.mv/images/660x400/14693490161769.jpg|ޑިސާސްޓަރ ރިލީފް ލޯނު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ލޯނު ތައާރަފް ކުރުމަށް ބީއެލްއެމް ބާޒާރު ބުރާންޗުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރާއި ދެމެދު އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވައެވެ. 

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީ އާދަމް ޝަރީފް އުމަރެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ މިފަދަ ލޯނެއް ތައާރަފްކުރުމަށް ނިންމީ ހާދިސާތަކުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ދެއްވާ މާލީ އެހީތެރިކަމުން މާބޮޑު ނަފާއެއް ގެއްލުން ލިބޭ ފަރާތަށް ލިބިގެންނުދާކަން ފާހަގަކުރެވޭތީ ކަމަށެވެ.

މި ލޯނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ލޯންގައި ދައްކަންޖެހޭނީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށާއި މި ލޯނުގައި ރަހުނު ބަހައްޓަން ޖެހޭނީވެސް ބޭންކުން ކަނޑައަޅާފައިވާ އެންމެ ކުޑަ މިންވަރަށް ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14693489959270.jpg| ޑިފެންސް މިނިސްޓަރ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު (ކ) އަދި ރީޓެއިލް ބޭންކިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް (ވ)

"ބީއެމްއެލް ޑިސާސްޓަރ ރިލީފް ލޯން"އަށް އެދި ހުށަހެޅޭނީ ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން ކަނޑައަޅާ ވަކި ފަރާތްތަކަކަށެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ނައިބް ފާޠިމަތު ތަސްނީމް ވިދާޅުވީ ހާދިސާތަކުގައި މިހާތަނަށް ގެއްލުން ލިބިފައިވާ ފަރާތްތަކަށްވެސް މި ލޯނަށް ހުށަހެޅޭނެ ކަމަށެވެ. އަދި މި ލޯނަކަށް ގެދޮރު އެޅުމަށް ދޫކުރާ ލޯނެއް ނޫން ކަމަށާއި، މި ލޯނަކީ ހާދިސާއަކަށްފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ދޭ ލޯނެއް ކަމަށެވެ.

މި ލޯން އަނބުރާ ދައްކަން 15 އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ. މި ލޯނަށް އެދި ހުށަހަޅާ ފޯމު މާދަމާއިން ފެށިގެން ބޭންކުގެ ކޮންމެ ބްރާންޗަކުންނާއި ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.