ޚަބަރު

ޢަރަފާތު ދުވަހުގެ އަޅުކަމުގައި އުޅޭއިރު ފަލަސްޠީނުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ވަޒީރު ޑރ.ޝަހީމް


  • ޢަރަފާތު ދުވަހަކީ އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ ދުވަހެއް

  • ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމަކީ މުހިންމު ކަމެއް

ޢަރަފާތު ދުވަހުގެ އަޅުކަމުގައި އަވަދިނެތި އުޅޭއިރު ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ދުއާކުރުން ހަނދާން ނައްތާލައިގެންނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޢަރަފާތް ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އަދި އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއްކަމަށެވެ.

"އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ." ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ ޢަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ވަކިން ޚާއްޞަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމާއި، މި ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އަރަފާތް ދުވަސް ބައްދަލުކުރާއިރުގަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް." ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ޢަރަފާތް ދުވަހުގެ މަތިވެރި އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން އެހެނިހެން އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށްވެސް ހެޔޮ ދުޢާކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޓީމުތަކުން މަސައްކަތްކުރަމުންދަނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެފަރާތްތަކުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.