ޚަބަރު

އަލްކަރާޒް ފްރެންޗް އޯޕަންގެ ސެމީ ފައިނަލަށް


ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

ސްޕެއިންއަށް އުފަން އުމުރުން 22 އަހަރުގެ އަލްކަރާޒް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި 12 ވަނަ އަށް ސީޑު ކޮށްފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ސުމެއް, ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހަތަރު ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އަލްކަރާޒް ފްރެންޗް އޯޕަން ޖޫނިއަރ މުބާރާތް ކުރިން ކާމިޔާބު ކޮށްފައިވާ ޕޯލް އާއި ދެކޮޅަށް ކުޅުނު މި މެޗަކީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެންމެ ވާދަވެރިކަން ކުޑަ އެއް މެޗުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އަލްކަރާޒް އާއި ދެކޮޅަށް ނިކުންނާނީ އިޓަލީގެ ލޮރެންޒޯ މުސޭޓީ އެވެ. އޭނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ފްރެންސެޗް ޓިއަފޯ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި މުސޭޓީ ކުޅޭ ފުރަތަމަ ފަހަރެވެ.