ތަރައްްޤީ

މިދިޔަ އަހަރުވެސް ގިނައީ ޖަލު ޙުކުމްތައް


މިދިޔަ 2015 ވަނަ އަހަރު ޙުކުމް ކުރެއްވި ޖިނާޢީ މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލައިގައި ކުރެއްވީ ޖަލުޙުކުމްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ވޭތުވެދިޔަ އަހަރު ޙުކުމް ކުރެއްވި މައްސަލަތަކުގެ ތެރެއިން 46 އިންސައްތަ މައްސަލައިގައި ޙުކުމް އިއްވާފައިވަނީ އުމުރުދުވަހަށްވުރެ ކުރުމުއްދަތަކަށް ޖަލަށްލުމަށެވެ. އެހެންނަމަވެސް ޖިނާއީ ދައުވާ ސާބިތުވި މީހުންގެ ތެރެއިން 4 އިންސައްތަ މީހުންގެ މައްޗަށް އުމުރުދުވަހުގެ ޖަލުޙުކުމް ކޯޓުން ވަނީ އިއްވަވާފައެވެ. ޖިނާއީ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 6 އިންސައްތަ މައްސަލައިގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރައްވާފައިވާ ހައްދު ޖެހުމަށް ނުވަތަ ތައުޒީރުކުރުމަށް ޙުކުމް ކުރައްވާފައިވެއެވެ. 

ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޅެނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ކުދިއަދި ބޮޑެތި ވައްކަމުގެ 416 މައްސަލަ ވޭތުވެދިޔަ އަހަރު ކޯޓްތަކަށް ހުށައަޅުއްވާފައިވެއެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ 134 މައްސަލަ ހުށައެޅިފައިވާއިރު މާރާމާރީއާ ގުޅުންހުރި 118 މައްސަލަ 2015 ވަނައަހަރުގެ ތެރޭގައި ކޯޓުތަކަށް ހުށައަޅާއިފައިވެއެވެ. ޝަރުޢީ ދައިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖިނާއީ މައްސަލަތައް އެންމެ ގިނައީ މާލޭގައި، އަދި ދެވަނައަށް އެންމެ ގިނައީ ފުވައްމުލަކުގައެވެ.