މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިކަމަށް ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 19ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މަސްވެރިންގެ ދުވަހަކީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ ގޮތުން ފާހަގަކުރަމުން އަންނަދުވަހެކެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައަޅާއިރު އެރަށަކީ މަސްވެރި ރަށެއްތޯ ބަލާނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްތޯ ބަލާއިރު އެރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި އުޅަނދުފަހަރުގެ ޢަދަދަށް ބަލާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބާއްވާނެ ރަށް ކަނޑައަޅާއިރު އެރަށަކީ ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް މިއަހަރު އެރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، މީގެ ކުރިން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވާ ރަށަކުން ދެވަނަ، ފަހަރަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބަލާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަދި އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލްގެ އިތުރުން، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، މިދުވަހާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތަށްވެސް ބަލާނެއެވެ. އަދި އެކަން ކުރުމުގެ، ޤާބިލްކަން ހުރި ނެތް މިންވަރާއި ރަށަށް ޒިޔާރަތްކުރާ މެހުމާނުން ތިބުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށްވެސް ބަލާނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު އަންނަ ޖޫން މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭނީ ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް މަސްވެރިކަމާއި ބެހޭ ވުޒާރާއަށެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވެ މަސްވެރިންނަށް ގިނަކަންކަންވަނީ ފަހިކޮށްދީފައެވެ. އެގޮތުން މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ މަސްވެރިން ކިރާ މަހަށް ނުލިބިވާ ފައިސާ އެފަރާތްތަތަކަށް ދައްކާ ޚަލާސްކޮށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން މަސްވެރިންނަށްވެސް ބޭންކުން ލޯނު ލިބޭނެ މަގުވަނީ ފަހިކޮށްދީފައެވެ.