އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެ، އެއްބަސްވުމަކާ ހަމައަށް ނުދެވުނަސް، އީރާނުގެ ކަންބޮޑުވުމެއް ނެތް ކަމަށް އެ ޤައުމުގެ ރައީސް ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ.
ޕީޒިޝްކިޔާން މިހެން ވިދާޅުވެފައިވަނީ، އީރާނާ އާއެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަން ހާމަކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް އެ މަޝްވަރާތަކަށް ތައުރީފް ކުރައްވާފައިވަނިކޮށެވެ.
އެމެރިކާގެ އިތުރުން ހުޅަނގާއި ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި، އީރާނުން ހިންގަމުންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމެވެ. އެއީ، ޔަހޫދީންނަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. އަދި، ކޮންމެ ގޮތަކުން ވިޔަސް، ނިއުކްލިޔަރ ބާރަކަށް ވުމުގެ ފުރުޞަތުން އީރާން މަޙްރޫމު ކުރުވުމަކީ ޓްރަމްްޕްގެ މައިގަނޑު އަމާޒެވެ.
އަދި ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވިސްނުން ދޫކޮށްނުލައިފިނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.
"މަޝްވަރާކުރުން ހުއްޓާލައި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިނަމަ، އަޅުގަނޑުމެން ގައިމުވެސް ބަނޑަށްޖެހިގެން މަރެއް ނުވާނެ. އަޅުގަނޑުމެން ވެސް ސަލާމަތްވެވޭނެ މަގެއް ހޯދާނެ،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.
ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
އިޓަލީވިލާތުގެ ރޯމްގައި ބޭއްވި މި މަޝްވަރާތަކުގެ ފަސް ބަނަ ބުރު މިހާރު ނިންމާލާފައިވާއިރު، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ވަރަށް ގިނަ މަސައްކަތް ކުރަންހުރި ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
އެމެރިކާ އާއެކު އެއްބަސްވުމަކަށް ދިޔުމަށްޓަކައި، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރަށް މަޑުޖައްސައިލަން ހުށަހެޅުމަށް ވެސް އީރާނުން އެއްބަސްނުވާނެކަމަށް ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.