ތަރައްްޤީ

އިނގިރޭސި ބޮޑުވަޒީރު ޖަރުމަނަށް ވަޑައިގެންފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ، ޖަރުމަނުވިލާތަށް ވަޑައިގެންފިއެވެ. 

މިއީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާއި މިދިޔަ ހަފްތާގައި އެކަމަނާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިނގިރޭސި ބޮޑުވަޒީރު ޖަރުމަންވިލާތަށް ވަޑައިގަތުމުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ބާރލިންގައި އިނގިރޭސި ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްއެވެ. ޖަރުމަނުވިލާތުގެ ސިފައިން ވަނީ އިނގިރޭސި ބޮޑުވަޒީރަށް އިޙްތިރާމް ކުރުމުގެ ގޮތުން ޝަރަފުގެ ހިނގާލުމެއްވެސް ބާއްވާފައެވެ. އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އާއި ޖަރުމަނުވިލާތުގެ ޗާނެސެލަރ އެންގެލާ މާކެލްގެ ރަސްމީ މަޝްވަރާތައް ކުރިޔަށްދާނީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް، ވަކިވުމާބެހޭގޮތުންނާއި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުންނެވެ. 

ނަމަވެސް ވިލާތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭގޮތުންނާއި ޓެރަރިޒަމްގެ މައްސަލަތައްފަދަ ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކާބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.