ޚަބަރު

އިޓާލިއަން އޯޕަންގެ ފައިނަލަށް ސިނާ އާއި އަލްކަރާޒް


އިޓަލީގެ ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ޔަނިކް ސިނާ އާއި ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީއަށް އުފަން ޔަނިކް ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އެމެރިކާގެ ޓޮމީ ޕޯލް އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ކުޅިވަރުގައި މަނާ ބޭހަށް ދެ ފަހަރު މަތިން ޕޮޒިޓިވް ވުމާއި ގުޅިގެން ތިން މަސް ދުވަހުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު މި މަހު އަލުން ކުޅުމުގެ ތެރެއަށް އައި ސިނާ އާއި ދެކޮޅަށް ޓޮމީ ޕޯލް ކުޅުނު މެޗުގެ ފުރަތަމަ ސެޓުން ސިނާ ވަނީ ހައެއް އެކެއްގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު އޭނާ ވަނީ ހައެއް ސުމެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

މި މެޗުން މޮޅުވެ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ސިނާ ހޯދުމާއެކު އޭނާ ވަނީ 47 އަހަރަށްފަހު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ. އެންމެ ފަހުން އިޓާލިއަން އޯޕަންގެ ފައިނަލުގައި ކުޅެފައިވާ އިޓަލީގެ ކުޅުންތެރިއަކީ 1978 ވަނަ އަހަރުގެ ފައިނަލުގައި އެޑްރިއާނޯ ޕަނޭޓާ އެވެ.

ސްޕެއިންގެ އަލްކަރާޒް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ މަހު ނިމިގެންދިޔަ މޮންޓެކާލޯ މާސްޓަރސް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީވެސް ފައިނަލުގައި މުސޭޓީ ބަލިކުރުމަށްފަހުގަ އެވެ.