ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ވަޒީރު ޑރ ޢާއިޝަތު ޝިހާމް ދެއްވި މެސެޖުގައެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ މެސެޖުގައި ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ކުޑަކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، އަޅައިލާ ބަލަހައްޓާ ފަރާތްތަކަށް، އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަނީ ދަންނަވާފައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިއެވެ. މި ޝިއާރަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މި ޝިޢާރުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއްގެ ވާހަކަ ބުނެދޭކަމަށެވެ.
އެގޮތުން އެއްކަމަކީ ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތުކަމަށާއި، މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެވަނަ ކަމަކީ ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައްކަމަށާއި، މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަމުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދާކަމަށާއި، މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށްކަމަށް ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، ޢާއިލީ ވެއްޓެއްކަމަށެވެ. އަދި މިފަދަ މާޙައުލެއްގައި ކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާކަމަށެވެ. އަދި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައިވެސް ފެންނަން އޮތް ހިނދު، ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަމަށްޓަކައި، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ މިއީ ޢާއިލާތަކުގެ ޙާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގ ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުންވެސް ކުދިން ފޮސްޓަރކޮށް ޢާއިލާގައި ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށް، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވެން ފެށި ވަރުގަދަ މަސައްކަތެކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރައްވާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއްކަމަށެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކި ފެންވަރުގައި އެކި މަސައްކަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރައްވާ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.