ޚަބަރު

ކުރުމުއްދަތެއްގެ ތެރޭގައި ޕީއެސްއެމް ނިއުސްއިންވަނީ ރައްޔިތުންގެ އިތުބާރު ހޯދާފައި: ރައީސް މައުމޫން


  • ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހުގެ ތަހްނިޔާ މުވައްޒަފުންނަށް ރައީސް މައުމޫން ފޮނުއްވި

  • ޕީއެސްއެމް ނިއުސްއަށް ފަހި ކުރިމަގަކަށް އެމަނިކުފާނު އެދިވަޑައިގެންނެވި

ޕީއެސްއެމް ނިއުސްއަކީ ކުރު މުއްދަތެއްގައި ތެރޭގައި ބޮޑު ކުރިއެރުމަކާއެކު ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ޗެނަލެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރައީސް މައުމޫން ފޮނުއްވި ޚާއްސަ މެސެޖުގައިވަނީ ޗެނަލުގެ މުވައްޒަފުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ދުވަސްވީ ބްރޯޑްކާސްޓިން ކުންފުނި، ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ހިންގަމުންދާ ޕީއެސްއެމް ނިއުސް ފެށިތާ 8 އަހަރުވީއިރު 24 ގަޑިއިރު ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ މިއީ ކުރުމުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޗެނަލަކީ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ޗެނަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަބޭފުޅުންގެ ހިތްވަރާއި މަސައްކަތްތެރިކަމުގެ ސަބަބުން މިއަދު ޕީއެސްއެމް ނިއުސްވަނީ ރާއްޖޭގެ އެންމެ އިތުބާރު ހުރި ޗެނަލްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ޗެނަލަށް ވެފައި. މި ކާމިޔާބީގައި ތިޔައިން ކޮންމެ ބޭފުޅެއްގެވެސް ދައުރު ވަރަށް ބޮޑު. އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތްތާގައި މިހާރަށްވުރެ ފުރިހަމަގޮތެއްގައި ޚިދުމަތްދިނުމަށް ބާރުއަޅުއްވާ އިތުރުކުރިއެރުންތަކެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ފޮނުއްވި މެސެޖު ނިންމަވާލެއްވީ ޤައުމީ ޚިދުމަތުގައި ކުރައްވާ މަސައްކަތުގައި މާﷲ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް، ޚާއްސަ ޗެނަލެއްގެ ގޮތުގައި ޕީއެސްއެމް ނިއުސްގެ ޚިދުމަތް ފެށީ 3 މޭއި 2017 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތްދޭން ފެށި ފުރަތަމަ ޚަބަރު ޗެނަލެވެ. މިހާތަނަށްވެސް މެދުކެނޑުމެއްނެތި ޕީއެސްއެމް ނިއުސްއިން ޚިދުމަތް ދެމުން އަންނައިރު، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނިއުސްރޫމަކީވެސް މިއީއެވެ. ވަކި ޗެނަލެއްގެ ގޮތުގައި ތަޢާރަފްވުމުގެ ކުރިން ޓިވީއެމްގެ ބައެއްގެ ގޮތުގައި ނިއުސްރޫމް ވަނީ ހިނގާފައެވެ.

މިހާތަނަށް އައިރު، މިދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ޕީއެސްއެމް ނިއުސްއިން މަަސައްކަތް ކުރަމުންދަނީ ޚަބަރާއި މައުލޫމާތު އެންމެ ތާޒާކޮށް ތެދަށް ގެނެސްދިނުމަށެވެ.