ރެއާލް މެޑްރިޑާ ދެކޮޅަށް ދެއްކި ފޯރިއަށްވުރެ ފުރިހަމަ ޖޯޝަކާއި ފޯރިއެއް މިރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)އާ ދެކޮޅަށް ދައްކައިދިނުމަށް ސަޕޯޓަރުންގެ ކިބައިން އާސެނަލް އިން އެދެފި އެވެ.
ކޯޗު މިކޭލް އާޓެޓާ މެޗުގެ ކުރިން ބުނީ ޔޫރަޕުގެ އެންމެ ގަދަ ގަތަރު ޓީމުގެ ތެރޭގައި އާސެނަލް ހިމެނުނީ ވިސްނުންތެރިކަމާއި މޮޅުވުމުގެ ރޫހުގެ ވަރުގަދަ ކަމުން ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރުމަކީ ވަރަށް ރީތި ވާހަކައެއްގެ އެޕިސޯޑެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ތައްޓާ އެންމެ ކައިރިއަށް އާސެނަލް އަށް ދެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2005 ވަނަ އަހަރުގެ އެވެ. އާސެނަލްގައި އާޓެޓާގެ ވެސް ކުރީގެ ކޯޗު އާސެން ވެންގާގެ ކޯޗުކަމުގައި އާސެނަލް އެ ފަހަރުގެ ފައިނަލުން ބަލިވީ އެވެ.
އާޓެޓާ ބުނީ އާސެނަލްގައި އޭނާގެ މަގާމު އެތައް ބަޔަކު މީގެ ކުރިން ފުރާފައުވާއިރު އެއެންމެން ކުރި މަސައްކަތާއި ކުޅުންތެރިން ކުރި ހިތްވަރާއި ސަޕޯޓަރުންގެ އުއްމީދުތަކަށް ބަލާއިރު މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުރަމުންދާ ދަތުރު ވަރަށް ހާއްސަ ކަމަށެވެ.
"މިހެންވެ އަހަރެން އެދެނީ ކޮންމެ ބޯޅަ އެއް ސަޕޯޓަރުން އަހަރުމެންނާއެކީގައި ކުޅެލަން. ކޮންމެ މީހަކު ވެސް އެ މީހެއްގެ ބޫޓާއި ސޯޓާއި ޖާޒީ ހިފައިގެން ދަނޑަށް އައިސް އެންމެން އެކީގައި މި މެޗު ކުޅެލަންވާނެ. ތަފާތު ހާއްސަ ކަމެއް ކޮށްލަން އެބަޖެހޭ. މިތަނަކީ (އާސެނަލްގެ ދަނޑަކީ) އެކަން ކޮށްލަން އަހަރުމެންނަށް ހާއްސަ ތަނެއް. ރެއާލް މެޗަށްވުރެ ފުރިހަމަ ސަޕޯޓަކާއި ފޯރިއެއް އެބަޖެހޭ ދައްކާލަން،" ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު އާސެނަލް އަށް ވެރިވެފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހާނިއްކަ ވެފައިވާ ދެ ކުޅުންތެރިން ފިޓްވުމެވެ. އެއީ ރެއާލްއާ ދެކޮޅަށް ފޯވަޑަށް ކުޅެ ގޯލު ޖެހި މިޑްފީލްޑަރު މިކޭލް މެރިނޯ އާއި ބެންވައިޓް އެވެ.
އާސެނަލް މި މެޗަށް ނުކުންނައިރު ޕްރެމިއާ ލީގުގައި އެ ޓީމުގެ ފޯރު އޮތީ ދަށް ކޮށެވެ. މި ސީޒަނުގައި ވެސް ދެ ވަނާގައި ނިންމާލާނެ ކަމަށް ބެލެވޭ ޓީމު ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. ނަމަވެސް ރެއާލް ދެ މެޗުގައި ވެސް ބަލިކުރި ޓީމު ދަނީ ޗެމްޕިއަންސް ލީގުގައި މުޅިން ތްފާތު ނަތީޖާތަކެއް ނެރެމުންނެވެ.
މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރު އެވެ. ސެމީ ފައިނަލުން މޮޅުވެއްޖެނަމަ ފައިނަލުގައި ވާދަކުރަން ޖެހޭނީ ސްޕޭނުގެ ބާސެލޯނާ ނުވަތަ އިޓަލީގެ އިންޓަމިލާނާ އެވެ.