ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެމްކޯ މޮޅުވީ ގުޑް ގޭމްސް އެކެޑަމީ (ޖީޖީ ސްޕޯޓްސް) އާ ވާދާކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 25-15 އިން ވެމްކޯ ގެންދިޔައިރު، މި މެޗަށް ނުކުތް އިރު އެންމެ ފަހުން އެޓީމް ކުޅުނު މެޗުން ފްލެކްސަރ ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އޮތުމުން ވެމްކޯއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މެޗުގެ ދެވަނަ ސެޓު ވެމްކޯ ކާމިޔާބު ކުރީ 25-19 އިންނެވެ. ޖީޖީ އިން ތިންވަނަ ސެޓުގެ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އެޓީމަށް ވަނީ މެޗުން އެންމެ ސެޓެއް ވެސް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
މެޗުގެ ތިންވަނަ ސެޓު ވެމްކޯ ކާމިޔާބުކުރީ 25-22 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯ ޓީމުގެ ޕައްޓިޔާއެވެ.
މި މޮޅާއެކު ލީގުގައި އެއް މެޗު އިތުރަށް ކުޅެގެން ވެމްކޯ ވަނީ އެއްވަނައިގަވާ ޕޮލިސް ކުލަބާ ހަމަ ކޮއްފައެވެ. ދެޓީމުން ވެސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.