ރާއްޖޭގައި ހުރި ނުރައްކާތެރި ކެމިކަލް ދެނެގަނެ އެ ތަކެތި މެނޭޖްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވެއް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ އިން ކަމާގުޅޭ އިދާރާތަކާއި އެކު ބާއްވައިފިއެވެ.
މިއީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސްގެ ދަށުން ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން އަޕްޑޭޓްކުރުމަށްޓަކައި ބޭއްވި ބައްދުލުވުމެއްކަމަަށް އެވުޒާރާއިން ވިދާޅުވެ. މި މަސައްކަތު ބައްދަލުވުމުގައި 15 އިދާރާއަކުން، 25 ބޭފުޅުން ވަނީ ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕޭލްންގެ ކޯރޑިނޭޓަރ ފާތިމަތު ފައިރޫޒާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ ރާއްޖެއިން ބައިވެރިވެފައިވާ 'ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސް' މުއާހަދާ ގެ ދަށުން 2017 ގައި ރާއްޖެއިން ތައްޔާރުކޮށްފައިވާ ފުރަތަމަ 'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ރިވިއު ކޮށް މުރާޖައާ ކުރުންކަމަށެވެ.
ފައިރޫޒާ ވިދާޅުވީ 'ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސް' ނުވަތަ 'ޕޮޕްސް' އަކީ އިންސާނުން ގެންގުޅޭ ނުރައްކާތެރި ކެމިކަލް މާއްދާތަކުގެ ތެރެއިން ގިނަދުވަސްތަކެއް ވަންދެން ފަނާނުވެ، މާހައުލުގައި ގިނަ ޒަމާންތަކެއް ވަންދެން ދެމިހުންނަ ކެމިކަލްތައްކަމަށެވެ.
އެގޮތުން ނުރައްކާތެރި ކެމިކަލް މާއްދާތައް ނައްތާލުމަށް 2017 ގައި އެ ވުޒާރާއިން އިން އެކުލަވާފާފައިވާ ތަންފީޒީ ޕްލޭނަށް ބިނާކޮށް އަދި މި ޕްލޭންގައި ނުރައްކާތެރި ކެމިކަލް އެކުލެވޭ ކަމަށް ލަފާ ކުރެވޭ ކެމިކަލްތައް ފާހަގަ ކޮށް އެ ވުޒާރާއިން ވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީގެ މަޝްރޫއުއެއް ފަށާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 24 ޓަނުގެ 'ޕޮޕްސް' ކެމިކަލެއް ކަމަށްވާ 'ޕޮލީކްލޮރިނޭޓަޑް ބައިފީނައިލް' ހިމެނޭ އޮއިލް އަދި އިކިއުޕްމަންޓް ވަނީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ރާއްޖެއިން ބޭރުގެ ފެސިލިޓީއަކަށް ފޮނުވާފައެވެ. އަދި މީގެ އިތުރުން ހއ ބާރަށުގެ ސިއްހީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖް ކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް އެތަން ވަނީ ސިއްހީ ވުޒާރާއާއި ހަވާލުކޮށްފައިކަމަށް ވިދާޅުވިއެވެ.
މި ޕްލޭންގެ މަގްސަދަކީ ތިމާވެއްޓާއި ރައްކާތެރި އުސޫލުތަކުގެ ދަށުން ކުނި ވެއްޓަށް ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތްތައް ފަހިކުރުމެވެ. އަދި ހަމަ އެހެންމެ ނެޝަނަލް ހެލްތު ލެބޯޓަރީ ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް 'ހެވީ މެޓަލް' ކެމިކަލް ޓެސްޓުކުރުމަށް މެޝިނު ފޯރުކޮށްދިނުމަށް ވެސް ސިއްހީ ވުޒާރާ އާއި އެކު ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮށްފައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި މުރާޖައާ ކުރަން ފަށާ މި ޕްލޭން އިން، ރާއްޖޭގައި ހުރިކަމަށް ފާހަގަވާ ނުރައްކާތެރި ކެމިކަލްތަކަކީ ކޮބައިކަމާއި، މި ކެމިކަލްތައް މެނޭޖް ކުރާނެ ގޮތްތައް ދެނެގަނެވިގެން ދާނެއެވެ. އަދި މި ހޯދުންތަކަށް ބިނާކޮށް، ރާއްޖޭގައި ކެމިކަލް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް މަގުފަހިވާނެއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާންމު ސިއްހަތު ރައްކާތެރިކޮށް، އިކޯސިސްޓަމްސް ހިމާޔަތްކޮށް، ސާފު ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތް ކުރުމެވެ.