ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ޙިއްސާކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އަދި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތާރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ބާރުއެޅުއްވިއެވެ.