ޚަބަރު

ރޭންޖަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 30

  • މި ޕްރޮގްރާމުގައި 5 މޮޑިއުލެއް ހިމެނޭ

ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ "ރޭންޖަރސް" ތަމްރީންކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެންދެރި މަޝްރޫޢުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ އިޖްތިމާޢީ އަދި އިދާރީ ހިންގުމުގެ ޚާއްޞަ ސިފަތަކަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ލާމު އަތޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ޤާބިލު ރޭންޖަރުން ތަމްރީނުކުރުމެވެ.

12 ހަފުތާގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި 5 މޮޑިއުލެއް ހިމެނެއެވެ.

ޕްރޮގްރާމުގެ މޮޑިއުލްތައް:

1. ތިމާވެށީގެ ސައިންސް
2. ތިމާވެށީގެ ޤާނޫނާއި ތަންފީޛީ މަސައްކަތް
3. އިޖްތިމާޢީ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުން
4. އަސާސީ ކޮމްޕިއުޓަރ މަސައްކަތް
5. ނިޔަމިކަމުގެ މާއްދާތައް

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްގެންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލާމު ގަމު ކެމްޕަހުގައެވެ. އަދި ޕްރޮގްރާމުގައި ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ނަގައިދިނުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމިކަމުގެ ސެޓްފިކެޓް ދޫކުރެވޭނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

އެންހޭންސިންގް ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް ނުވަތަ އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ، ޖެފްގެ މާލީ އެހީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިއީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ޤައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއެކު، ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.