ޚަބަރު

ވައިޑްބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ވަރަށް އަވަހަށް ފަށާނެ: އައިލެންޑް އޭވިއޭޝަން


  • ދަތުރުތައް ފެށުމަށް އެއްބަސްވުންތައް ވަނީ ހަދާފައި

  • މިހާރު ދަތުރުތައް ބާއްވަނީ ޗައިނާގެ 3 މަންޒިލަށް

މޯލްޑިވިއަންގެ ވައިޑްބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމާއި ގުޅޭ އެއްބަސްވުންތައް ހަދާފައިވާކަމަށާއި، ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙުމަދު ރަމީޒް ވިދާޅުވީ ފްލައިޓް ގެނެސް ޚިދުމަތް ފަށައި، ވޭތުވެދިޔަ 3 މަހެއްހާ ދުވަހު، 5000އަށްވުރެ ގިނަ ފަސިންޖަރުން އެބޯޓުގައި އުފުލާފައިވާކަމަށެވެ. މޯލްޑިވިއަންގެ ވައިޑް ބޮޑީ މިވަގުތު ދަތުރުކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ.

ރަމީޒް ވިދާޅުވީ އިތުރު މަންޒިލްތަކަށް ދަތުރުފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އިތުރު މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ޔޫރަޕާއި ސައުތު އެފްރިކާ މާކެޓް ދަނީ ބަލަމުން. ޕާޓްނަރުންނާ ބައްދަލުކޮށް އެއްބަސްވުމަކަށްވެސް އާދެވިފައިވަނީ. ވަރަށް އަވަހަށް ސައުތު އެފްރިކާއަށް އޮޕަރޭޝަންތައް ފެށިގެންދާނެ." މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙުމަދު ރަމީޒް ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ ވައިޑް ބޮޑީގައި މިހާތަނަށް 5000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މީގެ އިޤްތިޞާދީ ފައިދާވެސް ރާއްޖެއަށް ކުރަމުންދާކަމަށެވެ.

"އެވްރެޖްކޮށް މީހަކު 500 ޑޮލަރު ހޭދަކުރިއަސް 4 މަހަށް ބަލާއިރު، 2 މިލިއަނެއްހާ ޑޮލަރު އެބަ މީރާއަށް ވަދޭ. އެއީ ޓެކްސްގެ ގޮތުގައި. އަދި ހުރުމާއި އެހެނިހެން ޚަރަދުތަކަށް ބަލާއިރު 9-10 މިލިޔަން ޑޮލަރު މި ޚިދުމަތުން ކޮންޓްރިބިއުޓް ކުރާނެ." މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙުމަދު ރަމީޒް ވިދާޅުވިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ. މިވަގުތު ވައިޑް ބޮޑީގެ ދަތުރުތައް ބާއްވަނީ ޗައިނާގެ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއަށެވެ.

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، މީގެ ދެވަނަ ބޯޓު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދެވަނަ ބޯޓު މިއަހަރު އޮކްޓޯބަރުގައި ރާއްޖެ ގެނެސް ޚިދުމަތް ފެށުމަކީ ކުންފުނީގެ ޢަމާޒެވެ.