ޚަބަރު

މުއްދަތު ހަމަވިއިރު 4000 ފްލެޓްގެ ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ


  • އެންމެ ގިނަ ޝަކުވާ ހުށައެޅީ ޕޯޓަލް މެދުވެރިކޮށް

  • ރިވިއުކުރުމުގެ މަސައްކަތް ވަނީ ފަށާފައި

4000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި 8600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ގެނދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޝަކުވާތަކުގެ ތެރޭގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ވަނީ ހުށައަޅާފައެވެ. އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މަރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރިއެވެ.

ޝަކުވާގެ މުއްދަތުގައި ޖުމްލަ 8602 ޝަކުވާ ވުޒާރާއަށް ލިބިފައިވެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، ޝަކުވާތައް ލިބެމުންދިޔަވަރަކުން ރިވިއުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

އެ ވުޒާރާއިން މަސައްކަތްކުރާނީ މި ހުރިހާ ޝަކުވާތައް ވީހާވެސް އަވަހަށް ރިވިއުކޮށް، ފައިނަލް ލިސްޓެއް ނެރުމަށްކަމަށް ނަޒީމް ވިދާޅުވިއެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި އެންމެ ގިނަ ޝަކުވާތައް އައިސްފައިވަނީ، މާލޭގައި ދިއިއުޅެފައިވާ މުއްދަތު ސާބިތުކުރުމާ ގުޅޭގޮތުންނެވެ.

"ފޯމުތައް އަވަހަށް ރިވިއުކޮށް، ޝަތުރު ހަމަވާ މީހުންނާއި ނުވާ މީހުން ކަނޑައެޅުމުގެ މަސައްކަތްތައް އަވަހަށް ކުރިއަށްގެންދާނަން. ވީހާވެސް އަވަހަށް ލިސްޓް ނެރުން ޢަމާޒަކީ. ފޯމުތައް ހުށައެޅަން ފެށުމާއެކު ވާނީ ފޯމުތަކުގައި ހުރި މަޢުލޫމާތުގެ ސައްޙަކަން ދެނެގަންނަން ފަށާފައި. ވަރަށް އަވަހަށް ޝަކުވާތައް ބަލައި ނިންމާނަން." ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.

މިފަހަރު ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ފުރުޞަތު ދިނީ، އެމީހަކު ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔެ، ހުށައެޅުމަށެވެ.

މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފައެވެ.

ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.