ޚަބަރު

ޙައްޖާޖީންނަށް މައްކާގެ ހޮޓަލުގައި ޚިދުމަތް ދިނުމަށް ސަޢުދީގެ އަބީރު ހޮސްޕިޓަލާއެކު މަޝްވަރާކޮށްފި


  • ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައި

ދިވެހި ޙައްޖާޖީންނަށް ޚިދުމަތް ދިނުމަށް، ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާއެކު މަޝްވަރާކޮށްފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ދެމެދު ބޭއްވި މި ބައްދަލުވުމުގައި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެހޮސްޕިޓަލް މެދުވެރިވެ މައްކާގައި ޙައްޖު ވެރިން ތިބޭ ހޮޓަލުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ޙައްޖާޖީންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ސިއްޙީ ކަންކަން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޚާއްސަ ޓީމެއް ވަނީ އެކުލަވާލިއެވެ. އެޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނުނު އިރު، މައްކާ އާއި މަދީނާގައި ހޭދަކުރި ދުވަސްތަކުގައި ޙައްޖާޖީންނަށް ސިއްޙީ ގޮތުން ދިމާވި މައްސަލަތައް ހައްލު ކޮށްދީފައިވެއެވެ. އަދި މައްކާގެ ހޮޓަލްގައިވެސް ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ކްލިނިކެއް ޤާއިމްކޮށް ބޭސް ނެގުމަށް ފާމަސީއެއްވެސް ޤާއިމްކޮށްފައިވެއެވެ. އަދި ޙައްޖުގެ މަޝާއިރުތަކުގައި ބަލި މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމުވެސް މިދިޔަ އަހަރު ވަނީ ހަމަޖައްސާފައެވެ.

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށްވަނީ ބަދަލުގެނެސްފައެވެ. މިއާއެކު ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުންނެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުންނާއި 75 އަހަރުން މަތީގެ 103 މީހުންނެވެ.