ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭގެ މުސާރައިގެ މައްސަލަ ބޮޑުވެ ޕީއެސްޖީގެ ބައެއް އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެމުން އެމްބާޕޭގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ ޕީއެސްޖީން އެމްބާޕޭއަށް ބޮޑު އަދަދަކުން ދަރާފައިވާ ކަމަށާއި، އެފައިސާ ހޯދައިދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވައްދާފައިވާ ކަމަށެވެ. އެ ފައިސާއަކީ އޭނާ ޕީއެސްޖީއަށް ކުޅުނު ދުވަސްވަރު މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާކަމަށާ، މީގެން އެއްވެސް އަދަދެއް މިހާތަނަށް އެމްބާޕޭއަށް ލިބިފައިނުވާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އަދި މީގެ ދުވަސްކޮޅެއްކުރިން މިމައްސަލަ ފްރާންސްގެ ކުޅިވަރާ ބެހޭ ވަޒީރާއި ޔުއެފާގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އެމްބާޕޭގެ ފަރާތުން ވަކާލާތުކުރާ ޓީމުން ކޯޓުގައި އެދިފަވަނީ އޭނާއަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 55 މިލިއަން ޔޫރޯ ނަގައިދިނުމަށެވެ. މިމައްސަލައާ ގުޅިގެން މި ހަފްތާގެ ބުރާސްފަތިދުވަހު ޕީއެސްޖީގެ ބައެއް އެކައުންޓުތައް ފްރިޒްކޮށްފައިވާ ކަމަށްވެސް ވަކީލުންގެ ޓީމުން މައުލޫމާތުދީފައިވެއެވެ.
މިމައްސަލަ ފެންމަތިވުމުން، ފްރެންޗު ލީގުން ވަނީ މިދިޔަ އަހަރުގެތެރޭގައި މިފައިސާ އެމްބާޕޭއަށް އަނބުރާދިނުމަށް ޕީއެސްޖީއަށް އަންގާފައެވެ. އެހެންނަމަވެސް އެމްބާޕޭގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވުމުން، ފްރެންޗް ފެޑެރޭޝަނުން އޭރު ނިންމާފައިވަނީ އެމައްސަލައިގެ ތެރެއަށް އެއިދާރާއިން ވަދެއްޖެނަމަ ގާނޫނީ މައްސަލަތަކެއް ދިމާވެދާނެތީ، އެކަމުގެ ތެރެއަށް ނުވަނުމަށެވެ.
އެކަމާ ގުޅިގެން އެމްބާޕޭގެ ވަކީލުންވަނީ އެމައްސަލަ އަލުން ޕެރިހުގެ ކޯޓަކަށް ވައްދައި، ޕީއެސްޖީގެ އެކައުންޓުތަކުން 55 މިލިއަން ޔޫރޯ ފްރީޒްކޮށްދިނުމަށް އެދިފައެވެ. މީޑިއާތަކުން ބުނެފަވަނީ މިމައްސަލައާ ގުޅޭގޮތުން ޕީއެސްޖީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް އަދި ކާމިޔާބުނުވާކަމަށެވެ.
އެމްބާޕޭގެ ފަރާތުން ވަކާލާތުކުރާ ޕިއޭރ އޮލީވިއަރ ސަރ ބުނެފަވަނީ ޕީއެސްޖީއާ ދެކޮޅަށް ފުރައްސާރައިގެ މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެމްބާޕޭގެ ލަފާ ހޯދުމެއްނެތި އެއްބަސްވުން ދަންމާލުމަށް ޕީއެސްޖީން މަސައްކަތްކުރި ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް އެދުވަސްވަރު ވަރަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހުނުކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
ޕީއެސްޖީން މިމައްސަލައިގަ ބުނެފަވަނީ އެމްބާޕޭގެ އެއްބަސްވުން އިސްލާހުކޮށްފަވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، އެއްބަސްވުމާ ޚިލާފުވެފަވަނީ އެމްބާޕޭ ކަމަށެވެ. މިގޮތުން އެޓީމު ދޫކޮށް އެމްބާޕޭ ރެއާލް މެޑްރިޑާ ގުޅިފަވަނީ އެއްބަސްވުމާ ދިމާ އިދިކޮޅަށް ކަމަށް އެ ޓީމުން ވަނީ ތުހުމަތުކޮށްފައެވެ.
މިދިޔަ އަހަރުގެ ފްރެންޗު ލީގުގެ ތަށި ޕީއެސްޖީއާއެކު އުފުލާލުމަށްފަހު ހިލޭ ޓްރާންސްފަރއެއްގެ ދަށުން އުމުރުން 26 އަހަރުގެ ފޯވާޑް ރެއާލް މެޑްރިޑާ ގުޅިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.