ޚަބަރު

ހަފްތާއެއްތެރޭ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނައީ އިނގިރޭސީން


  • މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން އައިސްފައިވޭ

  • މިއީ 8 އިންސައްތައިގެ ކުރިއެރުމެއް

  • އިނގިރޭސިވިލާތް ވަނީ ލިސްޓުގެ ދެވަނައަށް ޖެހިލާފައި

މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ހަފްތާއާ އާޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވަނީ 47،390 ފަތުރުވެރިންނެވެ. މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 667،730 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 630،867 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާނެވެ. އަދި އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބި މިހާރު ލިސްޓުގެ 2 ވަނައަށްވަނީ ޖެހިލާފައެވެ. އަހަރު ފެށުނު އިރު އެ ޤައުމު އޮތީ ލިސްޓުގެ 3 ވަނައިގައެވެ.

އެގޮތުން މިމަސް ފެށުނުއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 65،404 ފަތުރުވެރިން އައިސްފައިވާއިރު، މިހާރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 70،561ގައެވެ. މިއީ 7 އިންސައްތައިގެ އިތުރުވުމެކެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

ޗައިނާ – 76،674 ފަތުރުވެރިން
އިނގިރޭސިވިލާތު – 70،531 ފަތުރުވެރިން
ރަޝިއާ – 70،538 ފަތުރުވެރިން
އިޓަލީވިލާތު – 59،978 ފަތުރުވެރިން
ޖަރުމަންވިލާތު – 47،470 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 69.5 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައިވަނީ 25 އިންސައްތަ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.