ބޮޑެތި ބަދަލުތަކާއެކު ޢީދު ބައިބަލާ ޗެލެންޖް 1446 ފެށުމަށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ތައްޔާރުވެއްޖެއެވެ. މި މުބާރާތް އަންގާރަ ދުވަހު ފަށާއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ވަނީ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.
ޢީދު ބައިބަލާ ޗެލެންޖުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ޓީވީ ބިލްޑިންގުގައެވެ. މި ފަހަރުގެ މުބާރާތުގައި 29 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބާއި، ޓީއެފްޓީއެވެ. މުބާރާތުގެ ފުރަތަމަ ދުވަހުގެރޭ ހަ މެޗެއް ކުޅޭއިރު، އެންމެ ފަހުގެ ރަނަރަޕް ކުލަބު ކާސިންޖީ ނުކުންނާނީ ޓީނޭޖް ވެޓެރަންސްއާ ދެކޮޅަށެވެ.
ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި ހުޅުމާލެ ފޭސް އެކެއްގައި ކުރިއަށްދާ މި މުބާރާތް އެހެން އަހަރުތަކަށް ވުރެ ފޯރިގަދަވެ، ތަފާތުވާނެއެވެ. އެގޮތުން މުބާރާތުގެ ތާރީޚުގައި މިހާތަނަށް ބައިބަލާ މައިދާން ތައްޔާރުނުކުރާހާ ފެންވަރު ރަނގަޅުކޮށް ފެނިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ފުރިހަމަ ސެޓަޕް ބައިބަލާ މައިދާނުގައި ތައްޔާރުކުރާއިރު، މި ސެޓަޕް ތައްޔާރުކުރަނީ އިވެންޓް މެނޭޖަރ، ސްޓޭޖް ކޯ އިންނެވެ.
މި ފަހަރުގެ މުބާރާތުގައި ބައިވެރިވ ޓީމުތައް އަންނީ ނިމިގެންދިޔަ ރަމަޟާން މަހުން ފެށިގެން ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވަމުންނެވެ. އެގޮތުން މި ފަހަރު މުބާރާތަށް ޓީމުތަކުން ވަރަށް ބޮޑަށް ތައްޔާރުވިއިރު، 4 ޓީމަކުން ވަނީ ބައިބަލާގެ މޮޅެތި ކުޅުންތެރިން ހޯދައި، ޓްރާންސްފާތަކެއް ކޮށްފައެވެ. ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މުބާރާތަށް އެސޯސިއޭޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބައިބަލާ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ސައީދު އަލީ ވިދާޅުވިއެވެ.
މުބާރާތް ބަލަން ބައިބަލާ ކުޅޭ މައިދާނަން އަންނަ ބެލުންތެރިންނާއި، ސަޕޯޓަރުންނާއި، ޓީމުތަކުން ކުޅިވަރުގެ ރޫހާ އެއްގޮތައް މުބާރާތުގެ ފޯރި ނެގުމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ކުލަބަތަކާއި، އެސޯސިއޭޝަނަށް ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންއިރު، ހުޅުމާލޭގައި މުބާރާތް ބޭއްވިގެންދާނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާއެކުއެވެ.
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.