ޚަބަރު

އައިޑީ ކާޑު ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ގދ އަތޮޅުގައި ފަށައިފި


  • ގދ އަތޮޅު ކައުންސިލުން އައިޑީ ކާޑު އެ އަތޮޅު އެހެން ރަށްރަށަށް ފޮނުވާދޭނެ

  • މިއީ އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދޭ 14 ވަނަ ސަރަހައްދު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގދ އަތޮޅުގައި ފަށައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރްއިން ވިދާޅުވީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފައިވާ ކަމަށާއި، ގދ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އަތޮޅުގެ އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރާނެ ކަމަށެވެ. މިއާ އެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ޑީއެންއާރުން ފާހަގަކުރައްވައެވެ.

މިއީ މާލޭން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތްދޭ 14 ވަނަ ސަރަހައްދުކަމަށްވެސް ޑީއެންއާރުން ވަނީ ފާހަގަކުރައްވާފަައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި މި ސިޔާސަތުގެ ތެރެއިން އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތް ތަޢާރަފްކުރެވުނެއެވެ.

ސަރުކާރުގެ އަމާޒަކީ އައިޑީކާޑު ހައްދައިދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު މިއަހަރަށް ނިންމުމެވެ.