ޚަބަރު

އެމިރޭޓްސްގެ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެއަށް ޖޫންމަހު ފަށަނީ


  • އެންމެ ފުރަަތަމަ ރާއްޖެއަށް ދަތުރުކުރާނީ އެމިރޭޓްސްގެ އީކޭ 658/659

  • މި ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފަށާނެ

އަޕްގްރޭޑްކުރެވިފައިވާ އެމިރޭޓްސްގެ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫންމަހުގެ ފުރަތަމަ ދުވަހުއެވެ.

އެމިރޭޓްސްގެ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމަވައިފައިވަނީ އެ އެއަރލައިންގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން އެއަރލައިންގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އަޕްގްރޭޑްކުރުމަށް ފަހުގައެވެ. އެމިރޭޓްސްގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ތެރެއިން ކޮންމެ 3 ހަފްތާއަކުން އެއް އެއަރކްރާފްޓެއް އަޕްގްރޭޑްކުރުމަށްފަހު ޚިދުމަތަށް ނެރެމުންދެއެވެ.

އެމިރޭޓްސްއިން ބުނީ، އެ ކުންފުނީގެ ރެޓްރޯފިޓް ޕްރޮގްރާމްގެ ދަށުން އަލަށް ފަރުމާކޮށްފައިވާ ކޮންމެ ބޯއިންގއެއްގައިވެސް ޕްރިމިއަމް އިކޮނޮމީގެ 24 ގޮނޑިއާއި 1-2-1 ފޯމެޓަށް ފަރުމާކޮށްފައިވާ 260 އިކޮނޮމީ ގޮނޑި ހިމެނެއެވެ. މިގޮތަށް ގޮޑިތައް ފަރުމާކޮށްފައިވަނީ އެ އެއަރކްރާފްޓްގައި ދަތުރުކުރަމުންދާ ފަސިންޖަރުންނަށް އިތުރު ޕްރައިވަސީއެއް ދިނުމަށްކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.

ބޯއިންގ 777ގެ ދަތުރުތައް މިއަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއަށް ފެށިގެންދާއިރު އެންމެ ފުރަަތަމަ ރާއްޖެއަށް ދަތުރުކުރާނީ އެމިރޭޓްސްގެ އީކޭ 658/659އެވެ. އަދި އޭގެ ފަހުން ޖުލައި 15 ގައި އީކޭ 656/657 އަދި އީކޭ 660/661 ވެސް މި ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.

އެމިރޭޓްސްގެ ރެޓްރޯފިޓް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، 44 މަންޒިލަކަށް އަޕްގްރޭޑް ކުރެވިފައިވާ އެއަރކްރާފްޓްތައް އޮޕަރޭޓް ކުރުމަށް އެ އެއަރލައިނުން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި ލިސްބަން، ޑަބްލިން، ހޮންގކޮންގ އަދި ދެކުނު އެފްރިކާގެ މައި ސިޓީތަކަށް ދަތުރުކުރާ ރޫޓްތައް ހިމެނެއެވެ.

އެމިރޭޓްސް އެއަރލައިނަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ އެއް އެއަރލައިނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީވެސް އެމިރޭޓްސްގެ ފްލައިޓްތަކުގައެވެ.

ފަަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރަމުންނެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 44 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުންނެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއަރލައިންތަކާއި، ޗާޓަރ ދަތުރުތައް ބާއްވާ އެއަރލައިންތައްވެސް ހިމެނެއެވެ.