ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލައިފައިވަނީ 500 ފުރުޞަތެވެ.
މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނަށް އެދި ހުށަހެޅޭނެކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ލޯނަށް އެދުމުގެ ފުރުޞަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ލޯން ސްކީމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މިލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ 500 ފުރުޞަތު ހުޅުވާލައްވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ލޯން ސްކީމްގެ ދަށުން އެ ކުއްޖަކު ބޭނުން ޤައުމަކަށް ކިޔަވަން ދިއުމުގެ ފުރުޞަތު ލިބިގެންދިޔަނަމަވެސް، ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ އިޢުލާންކޮށްފައިވާ ޤައުމުތަކުގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް އެކަނިކަމަށެވެ. އަދި އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ ޤައުމަކާއި އިޢުލާނުގައިވާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގައިކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ލޯން ސްކީމްވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްފައިވާނެކަމަށާއި އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދެއްވާނެކަމަށާއި ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މަތީ ތަޢުލީމާއި ބެހޭ ވަޒީރު ވިދާޅުވީ، މި ލޯން ސްކީމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އަދި ހާސިލްކުރަމުންދާ ދާއިރާއަކުން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ އިންޓާރންޝިޕް ހެދުމުގެ އިތުރުން މެޑިކަލްފެލޯޝިޕް ހެދުމަށްވެސް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ނިންމާފައިވާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި އަހަރުގެ ލޯނު ސްކީމުގައި އިސްކަން ދެވެނީ ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އެދޭ ފަރާތްތަކަށްކަމަށާއި، މި ލޯނު ސްކީމުގެ ދެބައިކުޅަ އެއްބައި ޚާއްޞަކުރެވިފައިވަނީ މި ފަރާތްތަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލޯނަށް ހޮވުމުގެ މަރުޙަލާގައި އިތުރު 10 ޕޮއިންޓް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށެވެ.
"ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ދޫކުރާ އެންމެހައި ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ޢަދަދެއްގެ ފައިސާއެއް ނުނަގާނެ. އަދި މި ވުޒާރާއިން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު %1 އެޑްމިނިސްޓްރޭޓިވް ފީ ނުނަގާ، އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ ޢަދަދު އެޖަސްޓް ކުރެވޭނެ." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާކަމަށާއި، އަދި މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް 71 މިލިޔަން ރުފިޔާ ދޫކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މައިއެޑިއު ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ އެޕްރީލް މަހުގެ 30ވާ ބުދަ ދުވަހުގެ 13:30އެވެ.