ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލްމަހުގެ 15

  • މުއްދަތު އިތުރުކުރީ ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިހާރު މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލްމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބީސީސީންނެވެ.

ބީސީސީން ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މީގެކުރިން ހުޅުވާލައިފައިވަނީ މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. މިމުއްދަތު މިއަންނަ އެޕްރީލްމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގެ އިތުރުން ޢީދު ޗުއްޓީއާ ދިމާކޮށް ސަރުކާރު ބަންދުވުމުން ވަރަށް ގިނަބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްކަމަށް ބީސީސީން މައުލޫމާތުދެއްވައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބީސީސީން ވިދާޅުވިއެވެ. ހަމަމިއާއެކު މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރުތަކުން ބަލައިގަނެވޭނެ އިންތިޒާމްވެސް މިހާރު ހަމަޖައްސާފައިވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއްވައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން މިހާރުވަނީ ހަމަޖައްސަވާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ. ނަމަވެސް މިއުސޫލު ވަނީ ބަދަލުކޮށް މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށްޓަކައި "ބިލެތާ ދިއުން"ގެ ނަމުގައި ޚާއްޞަ ހަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ.