ކުޅިވަރު

ފުޓްބޯޅަ ސީޒަން ފަސްކުރަން ފީފާއިން ވިސްނުން ބަދަލުވީ ކީއްވެ؟


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެންމެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ފަރިތަކުރުންތައް ނުފަށައި އޮތީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން އެކަންޏެވެ. ފުރަތަމަ ޑިވިޝަނުގެ އަނެއް ނުވަ ކުލަބުން ވަނީ ދަތިތަކާއެކުވެސް ކޮންމެވެސް ސިފައެއްގައި ފަރިތަކުރަން ފަށާފައެވެ.

އެކަމަކު ކުއްލި ގޮތަކަށް ރޭ އަޑުއިވުނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ފީފާއިން ރާއްޖޭގެ އެފްއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮބްޒާވްކޮށް، މަޝްވަރާކުރަން އައި އޮފިޝަލަކު ސީޒަން ފެށުން ފަސްކުރަން އެންގި ވާހަކަ އެވެ. މިއާއެކު އެފްއޭއެމުން މިހާރު ވަނީ މިކަމުގައި ފީފާގެ ރަސްމީ ނިންމުމަކީ ކޮބައިކަން ބަލަން މަސައްކަތް ފަށާފައެވެ.

ކޮންގްރެސްއަށް ފަހު ފީފާގެ އޮފިޝަލުން ވަނީ ޖެހިގެން އައި ދުވަހު ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނުން ސީބީއެލް ބައިވެރިކޮށްގެން ޓީމުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފީފާގެ އޮފިޝަލުން ވަނީ އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) ގެ ކަލަންޑަރާ އެއްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. މި ގޮތުން ފީފާއިން އެދިފައިވަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހު ސީޒަން ފަށައި، އަނެއް އަހަރުގެ މެއި މަހަށް ސީޒަން ނިންމާ ގޮތަށް ހެދުމަށެވެ.

"ފީފާއިން އެދުނީ މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ސީޒަން ކުޅެމުން އަންނަ ދުވަސްވަރަށް ވެފައި ހާއްސަކޮށް ރާއްޖެ އަކީ އޭޝިއާގެ ގައުމަކަށް ވާއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނަކީ އޭއެފްސީން ނެރޭ ކަލަންޑަރާ އެއްގޮތް އެއްޗަކަށް ހަދަން ޖެހޭ ކަމަށް ދެކިގެން. ނޯމަލައިޒޭޝަން ކޮމިޓީގެ ކިބައިން ފީފާއިން އެދިފައިވަނީ ކުލަބުތަކާ ވާހަކަ ދައްކައިގެން މިކަމަށް ގޮތެއް ހޯދަން،" ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ބުންޏެވެ.

ނަމަވެސް މިހާތަނަށް ނޯމަލައިޒޭޝަން ކޮމިޓީން މިކަމުގައި ކުލަބުތަކާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާ ކަމަށް ޕީއެސްއެމް ސްޕޯޓްސް އަށް ވަނީ ޔަގީންވެފަ އެވެ. ނަމަވެސް ބައެއް ކުލަބުތަކުން ވަނީ ވަކިވަކިން ފީފާ އާއި އޭއެފްސީގެ އޮފިޝަލުންނާ ބައްދަލުކޮށް ސީޒަން ފަށަން ހުރި ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން އޮގަސްޓްގައި ރަސްމީކޮށް ފެށުމުގެ ކުރިން ފީފާއިން ވަނީ އޭގެ ކުރިން 2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުޅެން ލަފާދީފަ އެވެ. އެއީ އޭޕްރީލް މަހުން ފެށިގެން އޮގަސްޓްމަހާ ދެމެދު ކުރު މުބާރާތެއްގެ ގޮތުގަ އެވެ.

މި ގޮތަށް އެދުނު ސަބަބުތަކެއް ހުރި ކަމަށް ވެސް ބައެއް ކުލަބުތަކުން ފާހަގަކުރި އެވެ. އެއް ސަބަބަކީ އެފްއޭއެމުގެ އަސާސީ ގަވާއިދެވެ. އެ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އަދަދަކީ 8 އެވެ. އެކަމަކު އެފްއޭއެމުގެ ރައީސްކަމުގައި އެންމެ ފަހުން ހުރި ބައްސާމް އަދީލް ޖަލީލްގެ ފަހު އަހަރު އޭނާ ވަނީ ޕްރެމިއާ ލީގުގެ ކުލަބުތަކުގެ އަދަދަކީ 10 ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު ލިޔެކިއުމުން މިއިން އެއްވެސް ކަމެއް ނިންމާފައިނުވެ އެވެ. މީގެ އިތުރުން ބައެއް ކުލަބުތަކަށް އެފްއޭއެމުގެ މެމްބަރޝިޕް ވެސް ލިބިފައިނުވެ އެވެ. މިކަންކަން ބަދަލުކުރެވޭނީ އެފްއޭއެމުގެ ކޮންގްރެސްގަ އެވެ.

ދެން އޮތް ކަމަކީ ކުލަބުތަކާއެކު ފީފާއިން ބޭއްވި ބައްދަލުވުމުގައި ކުލަބުތަކުން ވަނީ ފުޓްބޯޅަ ކުޅެން ހުރި ދަތިތައް ފީފާ އަދި އޭއެފްސީއާ ހިއްސާކޮށްފަ އެވެ. މި ގޮތުން ރާއްޖޭގައި ފުޓްބޯޅަ ކުޅެން އޮތީ ހަމައެކަނި ގަލޮޅު ދަނޑު ކަމަށާއި ޕްރެކްޓިސް ކުރަން ލިބިފައިވަނީ ޓާފް ދެ ދަނޑު އެކަނި ކަމަށް ވެސް ބުންޏެވެ. އަދި އެތަންތަން ޕްރެކްޓިސް ނުކުރެވޭ ވަރަށް ހަލާކުވެފައިވުމާއި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޕްރެކްޓިސްތައް ރާވައި ހިންގުމަށް ގިނަ ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. ޓާފް ދެ ދަނޑު އާއްމުންނާއި އެކަޑަމީތަކުން ވެސް ބޭނުންކުރާއިރު ޕްރެކްޓިސް ރަނގަޅަށް ނުކުރެވި، ޓީމުތަކަށް ވަރަށް ގިނަ ދަތިތަކެއް ހުރިކަން ކުލަބުތަކުން ފާހަގަކުރީ މިގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމުން ކުލަބުތަކަށް ވާ ގެެއްކުން ފޫބެއްދޭނެ ގޮތެއް ނެތްކަން ބަޔާންކުރަމުންނެވެ.

ތިންވަނަ ކަމަކީ މާލީ ގޮތުން ގިނަ ކުލަބުތަކަށް ދިމާވެފައިވާ މައްސަލަތައް ފީފާއާ ހަމައަށް ގޮސްފައިވުމެވެ. މާޒިޔާ ފިޔަވައި އެހެން ހުރިހާ ކުލަބެއްހެން މާލީ ގޮތުން އަޑިއަޅާލާފައިވާއިރު އެފްއޭއެމުގައި އެކަނި ވެސް 150 މިލިއަނަކަށްވުރެ ގިނަ ފައިސާ، ދަރަނީގެ ގޮތުގައި އެބައޮތެވެ. އަދި ފީފާ އޭއެފްސީ އަށާއި ކުޅުންތެރިންނަށް ގިނަ ކުލަބުތަކުން ދަރާފައިވުމަކީ ވެސް ސީޒަން ފަށަން ދިމާވެފައިވާ ދަތިތަކެކެވެ.

ޕީއެސްއެމް ސްޕޯޓްސް އަށް އެނގިފައިވާ ގޮތުގައި މި ފައިސާ ދައްކަން އެފްއޭއެމުންނާއި ކުލަބުތަކުން ވަނީ ފީފާގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި ބައެއް ކުލަބުތަކުން ވަނީ ވަކިވަކިން ވެސް ފީފާ އާއި އޭއެފްސީގެ އޮފިޝަލުންނާ ބައްދަލުކޮށް އާމްދަނީ ލިބޭނެ ގޮތެއްނެތި ދަރަނިވެރިވާ ހާލުގައި ސީޒަން ފަށަން ހުރި ދަތިތައް ބަޔާންކޮށްދީފަ އެވެ.

ފީފާއިން މިކަން ބަލަމުންދާއިރު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒްކޮށް ފީފާއިން މަތިކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް ވެސް އެ އިދާރާއިން ދަނީ ބާރު އަޅަމުންނެވެ. އެއީ އެފްއޭއެމުން ގެއްލިފައިވާ ފައިސާ ހޯދުމާއި އެއިދާރާގެ ރަސްމީ އޮޑިޓެއްކޮށް، ކަންކަން ތަރުތީބު ކުރުމާއި ހިންގުން ހަރުދަނާ ކުރުމާއި މާލީ މައްސަލަތައް ހައްލުކޮށް އޭއެފްސީ އަދި ފީފާ ގަބޫލުކުރާ ހަމަތަކެއްގެމަތިން ކަންކަން އިންތިޒާމް ކުރުމެވެ.

ރާއްޖޭގައި އާންމުކޮށް ސީޒަން ކުޅެ އުޅެނީ އަހަރުގެ ކުރީކޮޅުން ފެށިގެން ގޮސް ނޮވެމްބަރު ނުވަތަ ޑިސެމްބަރަށް ސީޒަން ނިންމާ ގޮތަށެވެ. ނަމަވެސް 2021 ވަނަ އަހަރު ފެށިގެން އެއް ސީޒަނެއްގައި ޔޫރަޕުގެ ގައުމުތަކުގައި އޮންނަ ގޮތަށް ސީޒަން ބަދަލުކުރިއެވެ. އެކަމަކު އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. ނަމަވެސް އަނެއްކާ ވެސް ސީޒަން ފެށުން މިއޮތީ ސުވާލު މާކެއްގެ ތެރެއަށް ވެއްޓިފަ އެވެ.