މިސަރުކާރުގެ އެންމެ ފަޚުރުވެރި އަދި މަތިވެރި ޒިންމާއަކީ އިސްލާމްދީނަށް ނަޞްރުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހާފިޡުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ހާފިޒުންނެއް ދަސްވެނިވާންޖެހޭކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ ޤުރުއާން ހިތުދަސްކުރާ ހާފިޡުންގެ އެ ޢަދަދު އެތައް ގުނައަކުން އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ޤުރުއާން ހިތުދަސް ކުދިން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ވިދާޅުވީ އެކަމުން ނިކުންނާނީ ހެޔޮ ނަތީކަމަށެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަށް ކުރާ ކޮންމެ މަސައްކަތަކުންވެސް ނިކުންނާނީ ހެޔޮ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ.
"މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއްކަމަށް އަޅުގަނޑު ދެކެނީ، އަދި އަމަލީގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރަކު ނޯންނާނެ. އިސްލާމީ ކަންކަން ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ މިފަދަ ރެޔެއްގައި ވަރަށް ބޮޑަށް ޢަޒުމް އައުކުރަންޖެހޭކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކީރިތި ޤުރުއާންގެ ފަންނު ދަސްކޮށްދިނުމާއި އުނގަންނައިދިނުމުގެ ފަންނު ކުރިއަރުވަން މަސައްކަތްކުރައްވާކަމަށާއި، އެފަދަ މަސައްކަތްތައް ކުރިއަށްވެސް ރާވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމަކުން ނުވަތަ ރީތިކޮށް ތަޖުވީދު މަގުން ކިޔެވުމަކުން ނުފުދޭކަމަށާއި، ޤުރުއާނަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައިވެސް އަމަލީގޮތުން ކަންކަން ބައްޓަންކުރުމުގައި ބޭނުންކުރާ އެއްޗަކަށް ހެދުމަކީ ކޮންމެ މީހެއްގެ ވިސްނުމަކަށް ވާންޖެހޭކަމަށެވެ.
"ކީރިތި ޤުރުއާން ހިތުދަސްކޮށްގެން އެވަރަކުން ނިންމާނުލެވޭނެ. އަޅުގަނޑުމެންގެ ގައިޑް ބުކަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށްވާންވީ ﷲ ސުބުޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ ކީރިތި ޤުރުއާން. އެއީ މިކަހަލަ ޖަލްސާތަކުގައި ހަމައެކަނި ކިޔަވާލަން އޮންނަން ސެރެމޯނިއަލް ފޮތެއް ނޫން. ނޫނިއްޔާ ހަފްލާތަކަށް ކައްޞަ އެއްޗެއްނޫން. އަމަލީގޮތުން ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް ބައްޓަންވެގެން ދާންވާނީ އެ ފޮތުގައިވާ ގޮތަށް." ރައީސުލްޖުމްހޫރިިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގޮވާލެއްވިއެވެ. އަދި ކޮންމެ މީހަކީ ޤުރުއާނުގައިވާގޮތަށް އަމަލުކުރާ މީހަކަށް ވުމަށްވެސް ރައީސުލްުޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.