މި އަހަރު އޭޝިއާގެ ބަޑިޖެހުމުގެ މުބާރާތުން ލިބުނު ކާމިޔާބާއެކު އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާންގެ ވެރިރަށް ލާހޯރުގައި ބާއްވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން މެޑެލް ހޯދުން ކަމަށް ޝޫޓިން އެސޯސިއޭޝަންގެ ނައިބު ރައީސް ކާނަލް އަޙްމަދު ޒުބައިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުބައިރު ވިދާޅުވީ ރާއްޖޭގެ ޝޫޓިންގެ ގައުމީ ޓީމުގެ އެތުލީޓުންގެ ފެންވަރު މިހާރު އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭޝިއާގެ މުބާރާތުގައި މިފަހަރު ދިޔައީ ޓްރަޔަލެއް ކަމަށާއި، އެހެންނަމަވެސް އުއްމީދުކުރި ވަރަށްވުރެ އެ މުބާރާތް ދިވެހި ޓީމަށް ކާމިޔާބު ކަމަށް ޒުބައިރު ވިދާޅުވިއެވެ.
ޒުބައިރު ވިދާޅުވީ މި ފަހަރުގެ މުބާރާތުން ލިބުނު ކާމިޔާބަކީ ޝޫޓިންގައި ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށާއި، މުބާރާތުން ފާހަގަވި ކަންކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. ޒުބައިރު ވިދާޅުވީ ޝޫޓިންގައި ގެންގުޅެންޖެހޭ ހަތިޔާރުތަކަކީ ވަރަށް ބޮޑަށް ޕަރސަނަލައިޒް ވާންޖެހޭ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް އެސޯސިއޭޝަނަށް ހަތިޔާރުގެ ދަތިކަން ހުރުމުން އެގޮތަށް އެކަން ކުރަން އުނދަގޫ ކަމަށްވެސް ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ޓެލެންޓްސް ޑިވަލޮޕްވެގެން އަންނަ އެލީޓް ކުދިންނަށް ޕާސަނަލައިޒް ކޮށްދެވޭތޯ. އެކަމައްޓަކައި އަޅުގަނޑުމެން މިނިސްޓްރީއާ އެކުވެސް އެބަ މަސައްކަތް ކުރަން. އަދި ހަމަ އެހެންމެ ބައެއް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބޭތޯވެސް އަޅުގަނޑުމެން އެބަ މަސައްކަތްކުރަން." ޒުބައިރު ވިދާޅުވިއެވެ.
ހަތިޔާރު ހޯދަން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި އެތުލީޓުންގެ ބެލެނެވެރިންގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ޒުބައިރު ފާހަގަކުރިއެވެ.
ޒުބައިރު ވިދާޅުވީ އެސޯސިއޭޝަނުގެ ވިސްނުމަކީ އެތުލީޓުންގެ ހުނަރު ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އެގޮތުން މިހާރު އެންމެ މުހިންމީ ޝޫޓްކުރާނެ ރޭންޖެއް ކަމަށް ޒުބައިރު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިހާރު މި ފަޔަރ ކުރަނީ ހަތަރު ލޭން އިންނަ ރޭންޖެއްގައި، އެވެސް އަޅުގަނޑުމެން ވަރަށް މަސައްކަތުން ހަތަރު ލޭން މި ނެގީ. ހަތަރު ލޭންގައި ކުދިންނަށް މަސައްކަތް ކުރެވޭ ވަގުތު މަދުވާނެ، މަސައްކަތް ކުރެވޭ ކުދިންގެ އަދަދު މަދުވާނެ." ޒުބައިރު ވިދާޅުވިއެވެ.
ޖާގަ ތަނަވަސް ރޭންޖެއް ލިބުމާއެކު ފަރަތިކުރަން ކުދިންނަށް ވަގުތު އިތުރު ކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ޒުބައިރު ވިދާޅުވީ އޭގެ ސަބަބުން ޝޫޓަރުން ސަމާލުކަންދޭ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ރޭންޖުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ހިނގައްޖެ ކަމަށާއި، އެތަން ވަރަށް އަވަހަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހު ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.