މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބޭ ހުރިހާ މީހުންނަށް، ޙައްޖުގެ އަޅުކަމަށް ދަޢުވަތު ފޮނުވާ ނިމިފައިވާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސައުދީގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ޙައްޖާ ގުޅޭ އިދާރީ އިންތިޒާމުތަކުގެ %90 މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. ޙައްޖުގެ އަޅުކަމަށް މީހުން ސައުދީއަށް އަންނަން ފަށާނީ މޭ މަހުގެ ފަހުކޮޅުއެވެ.
2025ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ކޯޕަރޭޝަންގެ ލިސްޓުގައި ހިމަނާފައިވާ އެންމެނަށް އެ ފުރުޞަތު ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ޝަކީލް ވިދާޅުވީ، ޙައްޖާ ގުޅިގެން ކުރަންޖެހޭ އިދާރީ ހުރިހާ އިންތިޒާމްތަކެއްހެން މިހާރު ނިމިފަވާއިރު، ޙައްޖުގެ އަޅުކަަން އަދާކުރުމަށް މިއަހަރު ފުރުޞަތު ލިބޭ ހުރިހާ އެންމެންނަށް ދަޢުވަތު ފޮނުވައި ނިމިފައިވާކަމަށެވެ. އަދި މިހާރު މަޑުކުރަމުންދަނީ ސަޢުދީއިން ވިސާއަށް ހުޅުވާލާނެ ވަގުތަކަށްކަމަށް ޝަކީލް ވިދާޅުވިއެވެ.
"މި ހަފްތާ ނޫނީ ކުރިއަށް އޮތް ހަފްތާގައި ވިސާއަށް ހުޅުވާލާނެކަމަށް ބެލެވޭ. ހުޅުވާލާއިރަށް ޕޯޓަލް މެދުވެރިކޮށް ދިވެހިންގެ ވިސާގެ މަސައްކަތް ފެށިގެންދާނެ. މިއާއެކު ސައުދީން ވާންޖެހޭ މައިގަނޑު ތައްޔާރީތައް ނިމެނޭ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ މައްކާ، މަދީނާ ހޮޓަލާއި ދަތުރުފަތުރުގެ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސާ ނިމިފަވާކަމަށެވެ.
"މައްކާ މަދީނާ ހޮޓާ ހަމަޖެއްސުމާއި، އެގްރިމަންޓްތައް ހަދާ ފައިސާ ދެއްކުމުގެ މަސައްކަތްތައްވެސް ނިމިއްޖެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެވެސް އިރުޝާދާއެކު، މިއަހަރު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފަވާކަމަށެވެ.
މިފަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެނައުމުގެ ފްލައިޓް ދަތުރުތައް ހަމަަޖައްސަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ސައުދީ ޢަރަބިއްޔާގެ، ސައުދިއަރ އެއަރލައިން މެދުވެރިކޮށެވެ. އަދި ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ދިނުމަށް، ކޯޕަރޭޝަންގެ ކްލިނިކާއި ސައުދީ ނެޝަނަލް ހޮސްޕިޓަލް ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.