ޚަބަރު

އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ނައްތާލާ ނިޒާމު ޖުލައިމަހު ނިމޭނެ: ޠާރިޤް


  • ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތް ދަނީ ކުރިއަށް

  • ތިލަފުށީގައި ހިންގާ މަޝްރޫއުތައް ނިމުމުން ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރެވޭނެ

އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ނައްތާލުމަށް ޤާއިމްކުރާ ނިޒާމުގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިންމާލެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކޮށް، މާލެއާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި ނައްތާލެވޭނެ ނިޒާމެއް މިވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އިމާރާތްކުރުމުގެ މަސައްކަތް އިތުވެފައިވާއިރު، އެފަދަ މަސައްކަތުން އުފެދޭ ގާކުޑި ނުވަތަ އެހެނިހެން ކުނިވެސް ރަނގަޅުގޮތުގައި މެނޭޖުކުރެވެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކުނިތައް ނައްތާލުމަށް ތަރައްްޤީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތް މިވަގަުތު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޕްލާންޓުގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. އެއިރުން އިމާރާތްކުރުމުގެ ތެރެއިން އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް، ނައްތާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފޭސްއެކެއްގެ ދަށުން ނުނިމިއޮތް އެއްކަމަކީ ކޮންސްޓަރަކްޝަން ވޭސްޓު ޑެމޮލިޝަންގެ ޕްލާންޓު. އޭގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މި ބަލަނީ ޖޫން ޖުލައިމަހަށް މަސައްކަތް ނިމޭނެކަމަށް" ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ތިލަފުށީގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ހިންގާ މަޝްރޫއުތައް ނިމުމުން ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރެވި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެގެން ދާނެކަމަށެވެ. އަދި މޫދައް ކުނިއެޅުން މަދުކުރެވިގެން ދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފާދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.