ޚަބަރު

ފުރަތަމަ 10 ހަފްތާ: އާމްދަނީ އިތުރުކުރެވި، ޚަރަދުތައް ވަނީ ކުޑަކުރެވިފައި


  • ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

  • ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިޔަން ރުފިޔާގައި

މިއަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 1.3 ބިލިޔަން ރުފިޔާ އިތުރު ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މާރިޗު 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިޔަން ރުފިޔާގައެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 10 ހަފްތާގެތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 7.4 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %5.4 އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 7.8 ބިލިޔަން ރުފިޔާގެތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 6.3 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިޔަން ރުފިޔއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.

އަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނު އިރު ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %16 ދަށް އަދަދެއްކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 7.8 ބިލިޔަން ރުފިޔާގައެވެ.

މިއަހަރުގެ ފުރަތަމަ 10 ހަފްތާގެ ތެރޭގައި ދައުލަތުން ކުރި ޚަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 6.1 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 428 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ. ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކުރެވިފައިވާއިރު، މިއީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.

އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ވަޅުޖެހިފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. މިގޮތުން މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވެއެވެ.