ފިލިޕީންސަކީ ވަރުގަދަ އިގުތިސާދެއް އޮތް މަސައްކަތްތެރި ބައެކެވެ. ދަނޑުވެރިކަމުގެ ތެރެއިން އެހެން މަސައްކަތްތަކަށްވެސް ނުކުމެފައިވާ މަސައްކަތްތެރިކަމުގެ ސިނާއަތުގައި މިހާރު އެންމެ ވަރުގަދަ އެއް ގައުމެވެ. ފިލިޕީންސްގައި އެންމެ މަގުބޫލު އެއް ކުޅިވަރަކީ ބާސްކެޓްބޯޅަ އެވެ. ނަމަވެސް ފުޓްބޯޅަ އަކީ ދިގު ތާރީހެއް އޮތް ކުޅިވަރެކެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ފިލިޕީންސުން ޖަޕާނާއި ޗައިނާ ފަދަ ގައުމުތަކާއެކު ގަވާއިދުން ފުޓްބޯޅަ ކުޅެމުންދިޔަ އެވެ. ނަމަވެސް މި ގައުމުތަކާ ހިލާފަށް މިހާތަނަށް ފިލިޕީންސް ވޯލްޑްކަޕަށް ކޮލިފައިނުވެ އެވެ. އޭޝިއާ ކަޕަށް ކޮލިފައިވީ 2019ގައި އެކަންޏެވެ. ކުރިން ބާއްވަމުން އައި އޭއެފްސީ ޗެލެންޖްކަޕުގެ ފައިނަލުގައި 2014 ވަނަ އަހަރު ކުޅުނުއިރު ބަލިވީ ފަލަސްތީން އަތުންނެވެ.
ފިލިޕީންސަކީ ތައިލެންޑާއި އެމެރިކާ އަދި ސްޕޭނުގެ ފުޓްބޯޅައިގެ އެހީތެރިކަން ލިބޭ ގައުމެކެވެ. މިހާރުގެ ގައުމީ ކޯޗާއި އެ ގައުމުގެ ޓެކްނިކަލް ޑައިރެކްޓަރާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ ވެސް ސްޕޭން މީހުންނެވެ. ފުޓްބޯޅައިގެ އޮނިގަނޑު ރާވައި އެހީތެރިވަމުންދަނީ މި ގައުމުތަކުންނެވެ.
މި ދެ ގައުމު ވަނީ މިހާތަނަށް ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ފަސް ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ތިން މެޗު ކުޅުނީ ދިވެހިރާއްޖޭގަ އެވެ. ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ މި ދެ ގައުމު ކުޅުނު ފުރަތަމަ މެޗު ކަމަށްވާ 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ގަލޮޅު ދަނޑުގަ އެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުން ވެސް ފިލިޕީންސް މޮޅުވިއިރު އެންމެ ފަހުން ދެ ބައި މީހުން ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގަ އެވެ.
ފުޓްބޯޅައިގައި ރާއްޖޭގެ ހާލަތު އެންމެ ދަށްކޮށް ފެނުނު އަހަރަކީ 2024 ވަނަ އަހަރެވެ. ގައުމީ ޓީމު ކުޅުނީ ބަނގްލަދޭޝްއާ އެކު ވޯލްޑްކަޕް ކޮލިފައިން މެޗުތައް އެކަންޏެވެ. ނަމަވެސް ހުސްވި އަހަރު ފިލިޕީންސް ވަނީ ބައިނަލް އަގްވާމީ 15 މެޗު ކުޅެފަ އެވެ. މިއީ ވޯލްޑްކަޕް ކޮލިފައިން އާއި މާޑެކާ ކަޕާއި ކިންގްސްކަޕް އަދި ވަރުގަދަ އާސިއާން ޗެމްޕިއަންޝިޕުގެ މެޗުތަކެވެ. މި މެޗުތަކުގެ ތެރެއިން ފިލިޕީންސް މޮޅުވީ ތިން މެޗަކުންނެވެ. މީގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު އާސިއާން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ތައިލެންޑް ބަލިކުރުމަކީ ވަރަށް ގިނަ ބަޔަކު ފިލިޕީންސްގެ ކުރިއެރުން ފާހަގަ ކުރާ ކަމެކެވެ. މީގެ އިތުރުން އެ މުބާރާތުގައި އިންޑޮނީޝިޔާ ބަލިކުރުމާއި ކިންގްސް ކަޕުގައި ތަޖިކިސްތާން ބަލިކުރުމަކީ ވެސް މުހިންމު މޮޅުތަކެކެވެ.
ފިލިޕީންސްގެ ގައުމީ ޓީމުގެ ޑިރެކްޓަރު ފްރެޑީ ގޮންޒާލޭޒް ބުނީ މި ހުރިހާ މެޗެއް ވެސް އެމީހުން ކުޅުނީ ސިނކުޑީގައި އެންމެ ކަމެއް ބާއްވައިގެން ކަމަށެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި މިހެންވެ ރާއްޖެ އާ ދެކޮޅަށް ކޮލިފައިން ފަށާ މެޗަކީ ކާމިޔާބު ކުރުން ވަރަށް މުހިންމު މެޗެއް ކަމަށެވެ.
ފިލިޕީންސްގެ ގިނަ ކުޅުންތެރިން ކުޅެ އުޅެނީ ވެސް ތައިލެންޑް ލީގުތަކުގަ އެވެ. އެއަށްފަހު އެމެރިކާ އާއި ސްޕޭން އަދި ޖަރުމަނުގައި ވެސް ކުޅޭ ކުޅުންތެރިން އަދަދު އަންނަނީ އިތުރުވަމުންނެވެ. ގައުމީ ޓީމު މަޝްހޫރު ވެފައިވަނީ އަޒްކަލްގެ ނަމުންނެވެ.
ޓީމުގެ އެއްވަނަ ގޯލްކީޕަރަކީ ކުއިންސީ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ތިން މެޗު ކުޅެދީފަ އެވެ. ފަހަތުން އެންމެ ފާހަގަ ކޮށްލެވެނީ 68 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ޑިފެންޑަރު އަމާނީ އަގިނާލްޑޯ އެވެ. މެދުތެރެއިން މެލޭޝިޔާ ލީގުގައި ކުޅޭ މަނީ އޮޓް އާއި ޖަރުމަނު ލީގުގައި ކުޅޭ ސަންދްރޯ ރޭޔޭސް އާއި ސްވިޒަލޭންޑްގައި ކުޅެމުންދާ ރެންޑީ ޝްނައިޑާ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
ފޯވަޑް ލައިނަށް ބަލާއިރު ޖަރުމަނު ދެ ވަނަ ޑިވިޝަނުގައި ކުޅޭ ގެރިޓް ހޮލްމަން އަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު ސްޕޭންގައި ކުޅޭ ސެންތިއާގޯ ރުބްލިކޯ އާއި އެމެރިކާގައި ކުޅޭ އެލެކްސް މޮނިސް އަކީ ފާހަގަކޮށްލެވޭ ދެ ފޯވަޑުންނެވެ.
އޭނާ އަކީ ސްޕެއިން މީހެކެވެ. އުމުރުން 57 އަހަރުގެ ކޯޗު ފިލިޕީންސްގެ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރު އެވެ. ކަޕެޔާސް އަކީ މަޝްހޫރު ބާސެލޯނާގެ އެކަޑަމީގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ފަހުން އެކުލަބުގެ ބީ ޓީމުގެ ހެޑްކޯޗުކަން ވެސް ކޮށްފައިވާ މީހެކެވެ. ފިލިޕީންސާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ޑެންމާކުގެ 21 އަހަރުގެ ދަށުގެ ހެޑްކޯޗުކަމާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.