ޚަބަރު

31 މިލިޔަން އަންހެން ކުދިން ތަޢުލީމުން މަހުރޫމް ވެފައި!


މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. މިއަހަރުގެ އާބާދީ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފުރާވަރުގެ އަންހެންކުދިން ބިނާކުރުން" މި ޝިޢާރެވެ.

ދުނިޔޭގެ އާބާދީ ދުވަހު އަންހެނުންނާ އަންހެން ކުދިންގެ ޞިއްޙަތަށް ސަމާލުކަން ދީފައިވަނީ އަންހެން ކުދިންނަށް ތަޢުލީމުދީ އެކުދިން ފުރިހަމަޔަށް ހެދިބޮޑުވެ، ފުރިހަމަގޮތުގައި މުޖްތަމަޢަށް ނިކުތުމުގެ ފުރުޞަތު ދީފިނަމަ ރޭވުމެއް ނެތި ދުނިޔެއަށް އުފަންކުރުވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް މަދުވާނެތީ ކަމަށް އދ.ގެ އިދާރާތަކުން ބުނެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު، 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން ރާއްޖޭގެ ދިވެހިންގެ އާބާދީއަކީ 338،434 ކެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ޒުވާން އަންހެން ކުދިންނަށް ތަފާތުގިނަގުނަ ގޮންޖެހުންތަކާ ހުރަސްތައް ކުރިމަތިވެއެވެ. މިގޮތުން ތައުލީމް އުނގެނުމަށް ފުރިހަމަ ފުރުޞަތުތައް ނުލިބުމާ މަޖްބޫރުން ކައިވެނި ކުރުވުން އަދި ގަދަކަމުން އިއްފަތް ތެރިކަން ފޭރުން ފަދަ ހާދިސާތަކަކީ އެހެންޤައުމުތަކުގެ ފުރާވަރުގެ އަންހެން ކުދިންނަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ކަންކަމެވެ. ޔޫއެންއެފްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން އަހަރަކު 15 މިލިއަން ކުދިން ގަދަކަމުން ކައިވެނި ކުރުވައެވެ. މިއީ ކޮންމެ ދެސިކުންތަކުން އެއްކައިވެނި ކަން ފާހަގަ ކުރެވެއެވެ.

ފުރާވަރުގެ އަންހެން ކުދިންނާ ބެހޭގޮތުން އދގެ އިދާރާތަކުން ހާމަކޮށްފައިވާ އެހެން ތަފާސް ހިސާބުތަކަށް ބަލާލާއިރު، ޕްރައިމަރީ ސްކޫލަށްދާ އުމުރުގެ، 31 މިލިއަން އަންހެން ކުދިން ސްކޫލަކަށް ނުދެއެވެ. އަދި ސްކޫލަށް ނުދާ ޖުމްލަ 60 މިލިއަން އަންހެން ކުދިން މުޅިދުނިޔޭގައި އެބަތިއްބެވެ. މިގޮތުން 3 ޤައުމެއްގައި  މި މައްސަލަ ބޮޑުކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ނައިޖީރިޔާގައި ސްކޫލަށް ނުދާ 5.5 މިލިއަން އަންހެން ކުދިން، ޕާކިސްތާނުގައި ސްކޫލަށް ނުދާ 3 މިލިއަން އަންހެންކުދިން، އަދި އިތިއޯޕިޔާގައި ސްކޫލްއަށް ނުދާ 1 މިލިއަނަށްވުރެ ގިނަ އަންހެންކުދިން އެބަތިއްބެވެ. ދުނިޔޭގައި ލިޔަންކިޔަން ނުދަންނަކަމަށްރިކޯޑް ކުރެވިފައިވާ 774 މިލިއަން މީހުންގެ ތިންބައިކުޅަ ދެބަޔަކީ އަންހެނުންކަންވެސް ރިކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ އާބާދީ މިއަދު 7 ބިލިއަނުގައި ހުރިއިރު،  މިގަރުނު ނިމޭއިރު މިއަދަދު  11  ބިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހާތަނަށް 40ަ ޤައުމެއްގެ އާބާދީ ދެގުނައަށްވުރެ ބޮޑުވާނެކަމަށް ބެލެވެއެވެ.

 ގިނަ ޤައުމުތަކުގެ އާބާދީ އިތުރުވަމުން ދިޔަނަމަވެސް 2100 އަންނަން ވާއިރަށް 34 ޤައުމެއްގައި މިއަދުގެ އާބާދީޔަށްވުރެ އާބާދީ ކުޑަވާނެ ކަމަށްވެސް ބެލެވިފައިވެއެވެ. މިގޮތުން އާބާދީ އެންމެ ބޮޑަށް ދަށަށް ދާނެކަމަށް ބެލެވެނީ  ޖަޕާނުގައެވެ.