ސާފު ސީދާ މަގުގައި ސުވަރުގެ ހާސިލްކުރުމަށް ހިތް ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އިޙްޔާ ފޯރަމްގެ މިފަހަރުގެ މައުޟޫއަކީ "އީމާންކަން ހަރުދަނާކުރުމުގެ މުހިންމުކަން" މިއެވެ. މި މައުޟޫއަށް ތަޤުރީރުކުރައްވަމުން ޑރ. އަނާރާ ނައީމް ވަނީ ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތަޢުބާވެ ﷲ ގެ ރަޙުމަތުން އުންމީދުކަނޑާނުލުމަށް އެދިވަޑައިގަންނަވާފައެވެ.
ޑރ. އަނާރާ ވިދާޅުވީ، ކުޑަ ކަމެކޭ ހިތައި ބައެއް މީހުން ބައެއް ފާފަތައް ކުރަމުން އަންނަކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރިކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. މިކަމުގެ ނުރައްކާތެރިކަން އަރަބި ޅެންވެރިއަކު ސިފަކުރައްވާފައިވާކަމަށް އަނާރާ ވިދާޅުވިއެވެ.
"ޅެންވެރިޔާ މި މިސާލު ޖައްސަވަނީ ވަރަށް ބޮޑެތި ބިޔަ ފަރުބަދަތައްވެސް އުފެދިފަވެއޭ ކުދިކުދި ގާކޮޅުތައް އެކުލެވިގެން. އެހެންވީމަ ކުދިކުދި ފާފަތައް ގިނަވެގެންގޮސް އެއީ ވަރަށް ބޮޑު ކަމަކަށްވެސް ވެގެން ހިނގައިދާނެއޭ އަޅުގަނޑުމެންނަށް ޤިޔާމަތް ދުވަހު. އެހެންވީމަ އެއްގޮތަކަށްވެސް މިއީ ކުޑަ ކަމެކޭ ހިތާ އެއްވެސް ފާފައެއް ނުބައިކަމަކަށް އަރައިނުގަތުން އެއީ ބުއްދިވެރިގޮތަކީ." އަނާރާ ވިދާޅުވިއެވެ.
އީމާންކަން ހަރުދަނާކުރުމަށް ހިތް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ. ސާފު ތެދުމަގުގައި ސުވަރުގެ ހާސިލްކުރުމަށް ހިތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެއްކަމަށް ވިދާޅުވިއެވެ.
"ހިތް ރަނގަޅު ވެއްޖިއްޔާ އެމީހަކު ރަނގަޅު މިސްރާބަށް ގެންދާނެ. އަދި އެ ހިތް ފަސާދަވެއްޖިއްޔާ އެމީހަކު ނުބައި މިސްރާބަށް އެބަގެންދޭ. އެހެންވީމަ ހިތުގެ ދައުރު ވަރަށް މުހިންމު ވާނެ ސާފު ސީދާ މަގުގައި ސުވަރުގެ ހާސިލްކުރުމަށް ދާއިރު. އެހެންމީހުންނާއި ދޭތެރޭ ހެޔޮކޮށް ދެކުން، ހެޔޮކޮށް ހީކުރުން، ހެޔޮ ބަސްބުނުން. މިކަންތައްތައް ކުރުމަށް ހިތް ސާފުކޮށް އޮތުން ވަރަށް މުހިންމު. އެހެންމީހުންނަށް މަޢާފްދިނުން ވަރަށް މުހިންމު. އަމިއްލަ ނަފްސަށްވެސް މައާފްދޭންޖެހޭ. ކުށެއް ކުރެވިއްޖެއްޔާ ތަޢުބާވެ އަމިއްލަ ނަފްސަށްވެސް މަޢާފް ދޭންޖެހޭ." އަނާރާ ވިދާޅުވިއެވެ.
އީމާންކަން ބަލިކަށިވާ ކަންކަމުގެ ގޮތުގައި ހެޔޮލަފާ މީހުންނާއެކު ނޫޅުމާއި ހެޔޮ އަޑު ނޭހުން ހިމެނޭކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކަންކަމަށް މަސްއޫލުވެރިވެ، އާޙިރަތާއި މަރު މަތިން ހަނދާން ނެތުމަކީވެސް އީމާންކަން ބަލިކަށިވާ ސަބަބެއްކަމަށް އިޙްޔާ ފޯރަމްގައި ތަޤުރީރުކުރައްވަމުން ޑރ. އަނާރާ ނައީމް ވަނީ ވިދާޅުވެފައެވެ.