ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާރތު އަވަރ" މިއަހަރުވެސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވަނީ މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މިއަހަރަކީ މިއީ މިހަރަކާތް އިންތިޒާމުކޮށް ބައިނަލްއަޤުވާމީގޮތުން ބާއްވާ 18 ވަނަ އަހަރެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ ފަހު ހޮނިހިރު ދުވަހު ބައިނަލްއަޤުވާމީގޮތުން ގަޑިއިރަކަށް ބޮކިތައް ނިއްވާލައިގެން ފާހަގަކުރާ މިދުވަސް ރާއްޖޭގައިވެސް ފާހަގަކުރެއެވެ. މިގޮތުން މިއަހަރުވެސް އެއް ގަޑިއިރަށް ބޮކިތައް ނިއްވާލާ "އާރތު އަވަރ" ރާއްޖޭގައި ފާހަގަކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިވަނީ ނިންމަވާފައެވެ.
އެވުޒާރާއިން ވިދާޅުވީ މިއަހަރު މިދުވަސް ބައްދަލުކުރަނީ ރަމަޟާން މަހުގައި ކަމަށްވުމުން، މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:45 އިން 22:45 އަށްކަމަށެވެ. އެގޮތުން ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތަކެއް މިގަޑިއިރުގެ ތެރޭގައި ނިއްވާލުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުގައި ރާއްޖޭ ރައްޔިތުންނާއި، ވިޔަފާރި ކުންފުނިތަކާއި، އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަކީ އެވުޒާރާގެ އެދުމެއްކަމަށްވަނީ ވިދާޅުވެފައެވެ.
Lights off, impact on! ✨
— Ministry of Tourism and Environment (@MoTmv) March 21, 2025
Join us in celebrating Earth Hour tonight from 9:45 PM to 10:45 PM. A small action today for a brighter, sustainable tomorrow. #EarthHourMv #EarthHour2025 #SwitchOff pic.twitter.com/LSjuh4BUIe
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާޙައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މިމަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ޙަރަކާތުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަމަށެވެ.
މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ޙަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރުވުމަށް ހިތްވަރު ދިނުމެވެ.
އެންމެ ފުރަތަމަ "އާރތު އަވަރ" ފާހަގަކޮށްފައިވަނީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. އޭގެފަހުން މިއީ މުޅި ދުނިޔޭގައިވެސް ފާހަގަކުރަން ފަށާފައިވާ ބައިނަލްއަޤުވާމީ ބޮޑު ކެމްޕޭނެކެވެ.