ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީގެ ނަމުގައި ކްލާހެއް ތަޢާރަފްކުރިނަމަވެސް އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް ވިއްކާ ޓިކެޓުގެ އަގަށް އެއްވެސް ބަދަލެއްނާންނާނެކަމަށް އެއެއަރލައިނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަނުން މިހެން ވިދާޅުވީ، އިކޮނޮމީ ކްލާހުގެ ޓިކެޓުތައް އަގުބޮޑުވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދިއުމާ ގުޅިގެންނެވެ.
މިއަންނަ އޭޕްރިލް މަހުގެ 13ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް ކްލާހެއް ތައާރަފްކުރަން މޯލްޑިވިއަނުން ވަނީ ނިންމަވާފައެވެ. މި އައު ޚިދުމަތް ތައާރަފްކޮށްފައިވަނީ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިތަކެއް ގެނެސްދިނުމަށްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާހެއް ތައާރަފްކުރިނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ކްލާހުގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް ވިއްކާ ޓިކެޓުގެ އަގަށް އެއްވެސް ބަދަލެއްނާންނާނެކަމަށްވެސް އެއެއަރލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިއްކާ ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓުގެ އަގު، އިކޮނޮމީ ކްލާހުގެ ޓިކެޓަށް ވުރެ ބޮޑެވެ. ވުމާއެކު އެ ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް ތަފާތު ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެއަރލައިނުން ވިދާޅުވެއެވެ.
އެގޮތުން މި ކްލާހުގައި ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގެޖް އެލެވެންސަކާއި، އިތުރު ފީއަކާ ނުލައި ފުރާ ދުވަސް އެއް ފަހަރު ބަދަލުކުރެވޭނެއެވެ. ހަމަމިއާއެކު ފަސިންޖަރުންނަށް ހާއްސަ ސީޓުތަކެއް ހަމަޖައްސާފައިވާއިރު ފްލައިޓްގައި ލުއިކެއުމަކާއި ބުއިމެއް ލިބިގެންދާނެއެވެ.
މީގެއިތުރުން ޕްރިމިއަމް އިކޮނޮމީގެ ފަސިންޖަރުންނަށް އެއަރޕޯޓްތަކުގައި ޗެކިން އަދި ބޯޑިންގައި އިސްކަން ލިބުމާއިއެކު މާލެ، ދަރަވަންދޫ އަދި އިފުރު އެއާޕޯޓުން ލައުންޖްގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި ދޫކޮށްލާ ލަގެޖް ފަސޭހައިން ނެގޭނެ ގޮތްވެސް މި ފަސިންޖަރުންނަށް ލިބިގެންދާނެކަމަށް އެއެއަރލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި މި ކްލާހުގައި ދަތުރުކުރުމަށް އެއެއަރލައިންގެ ވެބްސައިޓާއި، މޯބައިލް އެޕްގެ އިތުރުން ބުކިންގ ޗެނަލްތައް މެދުވެރިކޮށް ފަސޭހައިން ޓިކެޓް ގަނެވޭނެކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ.