ޚަބަރު

ގެނައި ބަދަލުތަކާއެކު ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ ޤާބިލްކަން އިތުރުކުރެވިއްޖެ: މުޖްތަބާ


  • ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފަ

  • ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ދަނީ ކުރަމުން

ތިލަފުށީގައި ކުނި މެނޭޖްކުރުމުން އައި ގޮތަށް ބަދަލުތައް ގެނެސް، ކުނި މެނޭޖްކުރުމުގެ ޤާާބިލްކަން މިހާރު އިތުރުކޮށްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެއެވެ.

ވޭސްޓް މޭނޭޖްމެންޑް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ނޮދަން އޭރިއާ ސަރަހައްދުތަކުންވެސް ކުނި ގެންނަނީ ތިލަފުއްޓަށްކަމަށެވެ. އަދި ތިލަފުއްޓަށް ކުނި އަޅަން ކަނޑައަޅައިފައިވަނީ ކުޑަ ސަރަހައްދެއްގައިކަމަށްވާއިރު މި ސަރަހައްދުގައި އެކަށީގެންވާ ގޮތަށް ކުނި މެނޭޖްނުކުރެވިއްޖެނަމަ ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

އެމްޑީ ވިދާޅުވީ، ތިލަފުއްޓަށް 1000 ޓަނުގެ ކުނި ކޮންމެ ދުވަހަކުވެސް ގެންނާނެކަމަށް ލަފާކުރެވުނުނަމަވެސް، މިއަދު މާލޭ ސަރަހައްދަށް މިއަންނަ ތަރައްޤީއާއެކު ކުނި ގެނެވޭވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ. ވުމާއެކު، ކުނި އާޅާ ލޭންޑްފިލްތައް މެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު ކުރިން ތިލަފުށިން 8 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދެމުންދިޔަނަމަވެސް މިހާރު 24 ގަޑިއިރަށް ޚިދުމަތް ލިބިގެންދާނެކަމަށާއި އެދުވަހެއްގަ އަންނަ ބޯޓުތަކުން ހަމައެދުވަހު ކުނި ހުސްވުރެވިގެންދާނެކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

ތިލަފުށީގެ ލޭންޑްފިލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައިވާކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް 3 އަހަރު ދުވަހު އެއްވެސް ދަތިކަމަކާނުލައި ކުނި މެނޭޖްކުރެވޭނެކަމަށްވެސް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނަށް އަރާ މިތަނުގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާ މިތަނަށް ގެންނަވަންޖެހޭ ހުރިހާ ބަދަލުތަކެއް މިތަނަށް ޖެނެސް މިއަދު މިއޮތީ މިތަނުގަ ގާތްގަޑަކަށް ކުރިއަށް އޮތް 3 އަހަރުގެ ކުނި މިތަނުގަ މެނޭޖްކުރުމުގެ ފުރުސަތު ހޯދާ ޖާގަ ކްރިއޭޓް ކުރެވިފަ. އަދި އެއްވެސް ދަތިކަމަކާ ނުލާ މުޅި މި ގްރޭޓާ މާލޭ ރީޖަންގެ ކުނި މެނޭޖްކުރުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރިއަށްގެންދިއުމުގެ ޖާގަ މިއޮތީ ހެދިފަ." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާއިރު، މިއީ 2.3 ބިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.