ޚަބަރު

މަޚްލޫފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި


ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލައިގެ އަޑުއެހުންތައް  ނިންމަވާލައްވައިފިއެވެ.

ދައުލަތުން އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުއްލެވި ދަޢުވާގައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މަޚްލޫފް ހައްޔަރުކުރައްވާ، ބަންދާ މެދު ގޮތެއް ނިންމެވުމަށް ކޯޓަށް ޙާޟިރު ކުރެއްވުމަށްފަހު އަނބުރާ ގެންދެވި ވަގުތު ތަކުރާރުކޮށް އެންގެވުމުންވެސް ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަތުމަށް ދެކޮޅު ހައްދަވައި ދުވެވަޑައިގެން ފިއްލަވަން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން ހުށައެޅުއްވި 5 ފުލުހެއްގެ ހެކިބަހާއި މަޚްލޫފްގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ހުށައެޅުއްވި 2 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

ދައުލަތުން ހުށައެޅުއްވި 5 ފުލުހުންގެ ތެރެއިން ހަތަރު ފުލުހަކު ހެކިބަސް ދެމުން ބުނެފައިވަނީ  މަޚްލޫފު ފިއްލަވަން މަސައްކަތްކުރެއްވި ކަމަށެވެ. އަނެއް ފުލުސް މީހާ ބުނެފައިވަނީ މަޚްލޫފް ފިއްލަވަން މަސައްކަތްކުރެއްވިކަން އެނާއަށް ނޭނގޭ ކަމަށެވެ. މަޚްލޫފްގެ ފަރާތުން ދިފާޢުގައި ހުށައެޅި ހެކިން ބުނެފައިވަނީ މަޚްލޫފު ފިއްލަވަން މަސައްކަތް ކުރެއްވިތަން ފެނިފައިނުވާ ކަމަށެވެ.

މި މައްސަލައިގެ ޙުކުމް ކުރައްވާނެ ދުވަހެއް ކޯޓަކުން އިޢުލާނެއް ނުކުރައްވައެވެ. 

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށް އަޙްމަދު މަޚްލޫފްގެ މައްޗަށް ސާބިތުވެއްޖެނަމަ އެކުށުގެ އަދަބަކީ 12،000 ރުފިޔާއަށްވުރެ މަތި ނޫން ޢަދަދަކުން ޖޫރިމަނާ ކުރެއްވުން ނުވަތަ 6 މަސް ދުވަހަށް ޖަލަށް ލެއްވުމެވެ. އަޙްމަދު މަޚްލޫފްގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ޙުކުމް އިއްވެވިނަމަވެސް އޭނާ ފުރުއްވާ ރައްޔިތުން މަޖުލީހުގެ ގޮނޑިއެއް  ނުގެއްލޭނެއެވެ. ޤާނޫނޫ އަސާސީ ބުނާގޮތުން މަޖިލީހުގެ  ގޮނޑި ގެއްލޭނީ ޖިނާޢީ މައްސަލައެއްގައި 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް އަތުވެއްޖެ ޙާލަތެއްގައެވެ.