ޚަބަރު

އެއަރ އެމްބިއުލާންސް ޚިދުމަތަށް އަހަރެއް: ބަލި މީހުން އުފުލުމަށް 787 ދަތުރު


  • އަހަރެއްތެރޭ 931 ބަލިމީހުންގެ އުފުލާފައިވޭ

  • އެއަރ އެމްބިއުލާންސްގައި މިހާރު އެއްފަހަރާ ބަލި 3 މީހުން އުފުލޭނެ

  • ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުން

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްވެފައިވާއިރު، މިވީ މުއްދަތުގެ ތެރޭގައި 900 އަށްވުރެ ގިނަ ބަލި މީހުން އެމަރޖެންސީ އިވެކުއޭޝަންތަކުގައި އުފުލާފައިވާކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ. މިޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ޕްލޭންތަކެއް ހުރިކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މިޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ އެއްފަހަރާ ބަލި 2 މީހުން އުފުލޭގޮތަށް ނަމަވެސް ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި އެއްފަހަރާ ބަލި 3 މީހުން އުފުލަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ރަސްމީކޮށް އެއަރ އެމްބިއުލާންސްގައި ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދުވަހުގައެވެ. ޚިދުމަތަށް އަހަރެއް ވެގެންދިޔައިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމުލަ 931 ބަލި މީހުން އުފުލުމަށް އެއަރ އެމްބިއުލާންސްވަނީ 787 ދަތުރުކޮށްފައިކަމަށް މިޚިދުމަތް ދެމުންދާ މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި މިވަގުތު އެއްފަހަރާ ބަލި 3 މީހުން އުފުލޭނެ އިންތިޒާމު ޤާއިމުކޮށްފައިވާކަމަށް އެކުންފުނިންގ ވިދާޅުވެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްފުރުމާ ގުޅިގެން ޚިދުމަތްދެމުންދާގޮތް ބައްލަވާލެއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްވަނީ އެއަރކްރާފްޓް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވާފައެވެ.

ޚިދުމަތް ދިނުމުގައި މިހާރު ބޭނުންކުރަމުންދާ ވަޞީލަތްތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުފުޅާއެކު ބަލި މީހުން އުފުލުމަށް ޤައުމި ފެންވަރުގައި ކުރިއަށްގެންދެވޭ މަސައްކަތެއްކަމަށެވެ. އަދި މިޚިދުމަތް ދިނުމުގައި މޯލްޑިވިއަންއިން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

"އެމަރޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމަށް ބޭނުންވާ ވަޞީލަތެއް މިހާރުމިވަނީ ޤާއިމުކޮށްފައި. މިއީ ޚަރަދު ބޮޑު މަސައްކަތެއް ނަމަވެސް ރައީސް އެދިވަޑައިގަތީ މިޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން" ވަޒީރު އަމީން ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެފަދަ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމެއްގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް މިއީ ކޮންމެހެން ބޭނުންތެރި ޚިދުމަތެއްކަމަށެވެ. އަދި ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށްވެސް ސަރުކާރުގެ ޕްލޭންތަކެއް ހުރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

"ޚިދުމަތަށް އަހަރެއްވީއިރު 900 އަށްވުރެ ގިނަ ބަލި މީހުން އުފުލުމަށް 700 އަށްވުރެ ގިނަ ދަތުރުމިވަނީ ކޮށްފައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަބަދުވެސް ކުރިއަރުވަމުންދާންޖެހޭނެ ޚިދުމަތެއްކަމުން އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ" ވަޒީރު ވިދާޅުވިއެވެ.

މިޚިދުމަތާއި ގުޅޭގޮތުން މޯލްޑިވިއަންގެ ސީނިއަރ މެނޭޖަރ ޓެކްނިކަލް ސްޓްރެޓެޖީ އިސްމާޢިލް އާތިފް މުޙައްމަދު ވިދާޅުވީ، ޚިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް 24 ގަޑިއިރު ކްރޫއިން ތައްޔާރަށް ތިބޭކަމަށެވެ.

"ފުލް ފްލެޖްޑް ޚިދުމަތެއް މިހާރު ދެމުންދާއިރު ހުރިހާ އިކުއިޕްމަންޓެއް މިހާރު ހުންނާނެ ޤާއިމުކޮށްފައި. އަދި އަޅުގަނޑުމެނަށް ރިކުއެސްޓެއް އަންނަ ހިސާބުން ވަގުތުން ދަތުރަށް ތައްޔާރުވެވޭނެ" އާތިފް ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްވީއިރު މިޚިދުމަތުގައި މިހާރު، ވެންޓިލޭޓަރާއި އިންކިއުބޭޓަރއާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ވަޞީލަތްތައްވަނީ ޤާއިމުކޮށްފައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ އެއަރކްރާފްޓެކެވެ. އަދި މިޚިދުމަތްދިނުމަށް 15 މުވައްޒަފުން ތަމްރީންކޮށްފައިވާއިރު އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.