ތިމާވެށި

މާލެ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް ނައްތާލަނީ


މާލޭ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމަށް ބޭނުންވާ ވޭސްޓް ކަލެކްޝަން ސެންޓަރ ތައްޔާރުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ވިދާޅުވެއްޖެއެވެ. img:http://s3.psmnews.mv/images/660x400/14675079243766.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ

ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މާލެ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް ނައްތާލުމަށްޓަކައި، ކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ، މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖްގައި ވޭސްޓް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމެވެ. އެކަމަށްޓަކައި، އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައެއް މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއަށް ދޫކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ހުޅަނގު ފަރާތުން ބޮޑުބައެއް ކުނި އުކާ ބާޖުތަކަށާއި، ދޯނިފަހަރަށް ކައިރިކުރެވޭނޭހެން ތައްޔާރުކޮށްދެއްވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. img:http://s2.psmnews.mv/images/660x400/14621853341265.jpg|ވަންދޫގައި ޤާއިމްކުރައްވާފައިވާ ކުނި ނައްތާލާ މައި މަރުކަޒަށް ކުނި ގެންދިއުމަށް ބޭނުންކުރާ ބާޖު - ފައިލް ފޮޓޯ: ޕީއެސްއެމް

އިންޑަސްޓްރިއަލް ވިލެޖުގައި ވެމްކޯގެ މަސައްކަތްތައް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެތަނުގެ އޮޕަރޭޝަންސް ޑިރެކްޓަރ، ފާތުމަތު ޝަމްވީލާ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކުރާ ވޭސްޓް ކަލެކްޝަން ސެންޓަރަކީ އެއްވެސް ހާލެއްގައި ކުނި ގޮނޑަކަށް ވެގެންނުދާނެ ކަމަށެވެ. އަދި އެތަން ތަރައްޤީކުރުމަށް ރާވާފައިވަނީ ކުނި ނައްތާލުމަށް ބޭނުންކުރާ ތަނެއްގެ ބަދަލުގައި، ގޭބިސީތަކުން އުކާލެވޭ އެކި ބާވަތްތަކުގެ ކުނި ވަކި ކުރެވި، ތިލައްފުށްޓަށް ގެންދިޔުމުގެ ކުރިން ސްޓޭޝަންކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. img:http://s3.psmnews.mv/images/660x400/14664051669274.jpg|ސަރަހައްދީ ގޮތުން ކުނި މެނޭޖްކުރުމުގެ ނިޒާމާއި ގުޅޭ މަޢުލޫމާތު ރިސޯޓްތަކާއި ހިއްސާކުރެއްވުމަށް ބޭއްވި ސެޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

މާލޭގެ ގޭބިސީތަކުން ކުނި ޖަމާކުރުމަށްފަހު، ވޭސްޓް ކަލެކްޝަން ސެންޓަރަށް ގެންދިޔުމަށްޓަކައި 3 ވައްތަރެއްގެ ވެހިކަލް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޓްރައިސިކަލްސް، ޕިކަޕު އަދި ކޮންޕެކްޓަރ ޓްރަކް ހިމެނެއެވެ. ޝަމްވީލާ ވިދާޅުވީ، ވެމްކޯގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ވެހިކަލްތަކަކަށް މިހާރު އޯޑަރކޮށްފައިވާކަމަށާއި، މިތަކެތި ބޭނުންކުރަން ފަށާނީ ކުނި ނައްތާލުމަށް އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފެއްތުމަށްފަހުގައި ކަމަށެވެ. img:http://s4.psmnews.mv/images/660x400/14642647041513.jpg|މާޅޮހު ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނިން ތައްޔާރުކޮށްފައިވާ ގަސްކާނާ - ފައިލް ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

މާލޭގެ ގޭގެއިން އުކާލެވޭ ކުންޏާއި، އެހެނިހެން ގޮތްގޮތުންވެސް އުފެދޭ ކުނީގެ ތެރެއިން، ކުނިވާ ޒާތުގެ ކުންޏާއި، ކުނިނުވާ ޒާތުގެ ކުނި ވަކިކޮށް، މާލޭގެ 2 ސަރަޙައްދަކަށް ޖަމާކޮށް، އެތަކެތި ރައްކާތެރިގޮތުގައި ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވެމްކޯގެ ފަރާތުން މިހާރުވެސް ކުރައްވައެވެ. އެކުންފުނީގެ އަމާޒަކީ، އިންޑަސްޓްރިއަލް ވިލެޖުގައި ތަރައްޤީ ކުރެވިގެންދާ ވޭސްޓް ކަލެކްޝަން ސެންޓަރުގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން ފަށާއިރު، ތިމާވެއްޓާ ވީހާވެސް ރައްޓެހި ނިޒާމްތަކެއް ތަޢާރަފްވެގެން ދިއުމެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ވެމްކޯގެ މަސައްކަތްތައް ފެށުމަށްޓަކައި ތައްޔާރީތައް ވަމުންދާއިރު، ވެމްކޯއިން ދަނީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުންވެސް މަސައްކަތްތަކެއް ކުރައްވަމުންނެވެ.