މިމަހުން ފެށިގެން ޕެންޝަން ސްކީމަށް ފައިސާ ދައްކާ ބިދޭސީންނަށް އެފައިސާ އަނބުރާ ލިބޭނީ އެމީހަކަށް 65 އަހަރު ވުމުން ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވެއްޖެއެވެ. ޕެންޝަން ފަންޑަށް 300 އަށްވުރެ ގިނަ ބިދޭސީން ފައިސާ ޖަމާކުރަމުން ގެންދެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައި ބަޔާންކުރައްވާފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުން ލާޒިމް ނޫން ކަމަށެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކްހޯލްޑަރ ރިލޭޝަންސް އިސްމާޢީލް ޝުޖާޢު ވިދާޅުވީ 2015 ގެ ފަހުން ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، އޭގެ ކުރިން ވެސް ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިމަހުން ފެށިގެން ސްކީމަށް ފައިސާ ދައްކާ ބިދޭސީންނަށް ދެން އެ ސްކީމުން ފައިސާ ނެގޭނީ އެމީހެއްގެ އުމުރުން 65 އަހަރު ވުމުން ކަމަށެވެ. ނަމަވެސް 2015 ގެ ކުރިން އެ ސުކީމުގައި ބައިވެރި ފަރާތްތަކުގެ ތެރެއިން މިހާރު ފައިސާ ދެއްކުން ހުއްޓާލާފައިވާ ބިދޭސީންނަށް އެމީހުން ޤައުމަށް ދަމުން ޕެންޝަނަށް ދެއްކި ފައިސާ އަނބުރާ ލިބޭނެކަމަށް ސުޖާޢު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބިދޭސީން ބައިވެރިކުރުމަކީ ލާޒިމްކަމަށް ނުވާއިރު، މި ސްކީމްގައި ގިނައިން ތިއްބެވީ ސަރުކާރު އޮފީސްތަކުގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންނެވެ. ޕެންޝަން ސްކީމަށް މި ގެންނެވި ބަދަލާއެކު ގިނަ ޢަދަދެއްގެ ބިދޭސީން މިހާރު އެ ސްކީމަށް ފައިސާ ދެއްކުން ހުއްޓާލާފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. ޕެންޝަން ފަންޑަކީ މިވަގުތު ރާއްޖޭގައި މުވައްޒަފުން އެންމެ ގިނައިން ފައިސާ ޖަމާކުރާ ފަންޑެވެ. އެގޮތުން 82،000 އަށް ވުރެ ގިނަ މުވައްޒަފުން މި ފަންޑަށް ފައިސާ ޖަމާކުރަމުން ގެންދެއެވެ. ޕެންޝަން ފަނޑްގައި މިހާރު ހުރި ފައިސާގެ ޢަދަދު 5.1 ބިލިއަނަށް އަރައެވެ.