4 ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި 4 ރަށުގެ ސިއްޙީ މަރުކަޒު އިމާރާތެއްގެ އިތުރުން ކުޅުދުއްފުށި ސިޓީ ދަމަނަވެށި އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏާ ހަވާލުކޮށްފިއެވެ.
ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގި ހޮސްޕިޓަލް، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމަރާތް އެޅުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގ ޑީރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޢަލީ ޒުހެއިރުއެވެ.
ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލް އަދި ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މީގެ އިތުރުން ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް އަޙުމަދު ޤާސިމްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ.
ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވީ މިއީ އެ ރަށްތަކާ ސަރަޙައްދުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ފެށޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ފެއްޓެވި މަސައްކަތްތަކެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިމާރާތްތަކުގެ ދަތިކަންކަމަށްވާއިރު، މި މަސައްކަތާއެކު އެކަމަށް ބޮޑު ޙައްލެއް ލިބޭނެކަމަށެވެ.
"މާރާތުގެ ޖާގައާއި ވަސީލަތްތައް ނެތި ޚިދުމަތް ފުޅާކުރެވޭކަށް ނޯވެ. ގިނަ ރަށްތަކަށް އާ އިމާރަތްތައް ބޭނުންވާ. ރައީސްގެ ސިޔާސަތުތައް ތަރުތީބުވެ ނިމޭއިރު، ސިއްޙީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލެއް އަންނާނެ." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކާއި ވުޒާރާ ގުޅިގެން، ޕްރޮޖެކްޓްތައް ޓައިމްލައިނާ އެއްގޮތަށް އަވަހަށް ނިންމާ ޚިދުމަތް ފަށާނެކަމަށެވެ.