ހެނދުނުގެ ނާސްތާ ވަރަށް ފުރިހަމައެވެ. ރޮއްޓާއެކު ދެވައްތަރެއްގެ ރިހަ އާއި މަސްހުނީގެ އިތުރުން މޭވާގެ ވައްތަރުތަކުން ސުފުރާމަތި ވަނީ ފުރާލާފައެވެ. ކާމޭޒު ކައިރީގައި ނާސްތާ ކުރަން ތިބީ، އަމީރާގެ އިތުރުން އޭނާގެ ދަރިފުޅު ފާއިޒާއި ފާއިޒުގެ އަންހެނުން ނާޒާއި އެދެމަފިރިންގެ ދަރިފުޅު ފިޒާއެވެ. ނާސްތާ ކުރުމަށް ކިތަންމެ މީރު ކާބޯތަކެތި ހުރިކަމުގައި ވިޔަސް، އަމީރާގެ އަރުން ކާއެތިކޮޅެއް ނުދިރެއެވެ. އޭނާގެ ހިތަށް ކޮށްފައިވާ ފުން އަސަރުގެ ސަބަބުން އަރު ބެދޭގޮތް ވާތީއެވެ. ކަރަށް ތަދުވާތީއެވެ. އަތް ތުރުތުރު އަޅާތީއެވެ. އަމީރާ ކާން އުޅޭ ހާލު ބަލަން އިނދެ، ތުއްތު ފިޒާ ބުނެލިއެވެ.
"މާމާ! ކިހިނެއްވީ؟ މާމަ ބަލިވީތަ؟ މާމަ ނުކަނީ ކީއްވެ؟" އުމުރުން ހަތަރު އަހަރަށްދާ ފިޒާގެ މައުސޫމު އަޑު އަމީރާގެ ކަންފަތުގައި ޖެހުމާއެކު ވެފައި އިން ހިތްދަތިކަން ބޮޑުވިއެވެ. ކަރުނަތައް އައިނައި ތަނެއް ނޭނގި އޭނާގެ ލޮލާއި ނޭފަތަށް ޖަމާވެއްޖެއެވެ. އިސާހިތަކު އެ ކަރުނަތައް ގިސްވަރިއަކާއެކު އޭނާގެ ލޮލުން ބަންޑުންވީ އިހްތިޔާރަކާ ނުލައެވެ. ކިތަންމެ ހިފަހައްޓަން އުޅުނަސް އަމީރާއަށް އޭނާގެ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. އަޑު ވީއްލާ ރޯން ފެށިއްޖެއެވެ. މިތަން ދެކިފައި، ފިޒާ، ތެދުވެގެން ގޮސް މާމަގެ ގައިގައި ބައްދައިގަތެވެ. އަދި މާމައާ އެކު ރޯން ފެށިއެވެ. އެވަގުތު ނާޒު ރުޅިއައިސް ފުފިފައިވާ މޫނަކައިގެން، އިން ގޮނޑިން ފުންމައިގެން ތެދުވެގެން ގޮސް ފިޒާ، އަމީރާގެ ގައިން ވަކިކޮށްލައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފިއެވެ. ފާއިޒު ހިތްހަމަ ނުޖެހިފައި އަމީރާއަށް އިރުކޮޅަކު ބަލަން އިނދެ ބުންޏެވެ.
"މަންމަ ވެސް ދެން ކޮން ޑްރާމާއެއް ވާކަށް. މި އުޅެނީ އަނިޔާއެއް ދޭކަށް ނޫން ވިއްޔަ. މިހާރު ތިއިން ހާލަތުން ބައެއްގެ ތެރޭގައި މަންމަ ގެންގުޅެވެން ނެތިގެންނޭ މިހެން މި ހެދީ. އެތަނުން ފަރުވާ ލިބޭނެ. އަނެއްކާ އަހަރެން ބުނެފިން ދޯ ހަފްތާއަކު އެއްދުވަހު މަންމައާ ބައްދަލުކުރަން ދާނަމޭ"
ފާއިޒު ރުޅި އައިސްފިކަން އެނގުމުން ވެސް އަމީރާއަކަށް އޭނާގެ ރުއިން މަތައެއް ނުކުރެވުނެވެ. ރުއިމުގެ އަޑު ނުއިއްވާން ކުރި މަސައްކަތް ކާމިޔާބު ވިޔަސް، ގިސްލުމެއް ނުހުއްޓުނެވެ. ގިސްލާ ގިސްލުން ވީ އިހުނަށްވުރެ ވެސް ބާރެވެ. އެހެންވެ އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. އަތް ތުރުތުރު އެޅުން ބޮޑުވެއްޖެއެވެ. އޭނާއަށް ދިމާވެފައިވާ ސިއްހީ ބަލިމަޑުކަމުގެ ސަބަބުން، ކުޑަކަމު ދިއުން ކޮންޓްރޯލެއް ނުކުރެވެއެވެ. އެހެންވެ، އަބަދުމެ ކަހަލަ ގޮތަކަށް އިންނަނީ ނުތާހިރާއެވެ. އަމީރާގެ ގޮނޑި ވަށައިގެން ކޯރު ހެދިފައިވާތަން ދެކެފައި ފާއިޒު އެގޭގައި ގެންގުޅޭ "މެއިޑް" އަށް ގޮވިއެވެ.
" އާރުތީ! މެޑަމް ގެންގޮސް ސާފުކުރޭ! އަލުން ހެދުން ވެސް ބަދަލުކުރޭ! މިހާރު ފުރަން ދާ ގަޑި ޖެހެނީ" ފާއިޒުގެ އަމުރުވެރި އަޑު އިވުމާއެކު އާރުތީ އައިސް، އަމީރާ ގޮވައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޯގާތެރި ކަމާއެކުއެވެ.
މިއަދަކީ އަމީރާ ގުރައިދޫ އަށް ގެންދާ ދުވަހެވެ. ނަފްސާނީވެ، މީހާ ބަލިކަށިވެ، ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާއި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން އަމިރާގެ ދަރިފުޅަށާއި ޅީދަރިފުޅަށް އޭނާ ބެލެހެއްޓުން ބުރައަކަށްވީއެވެ. ގޭގައި ގެންގުޅެން ބޭނުން ނުވީއެވެ. އެހެންވެ ނެތް ހާލަތްތަކުން ސަބަބުތައް އުފައްދައިގެން، ދައުލަތުގެ ބެލުމުގެ ދަށަށް އަމީރާ މިއަދު އެ ހަވާލުކުރަނީއެވެ. އޭނާ ޅައިރުއްސުރެ މިއަދާ ޖެހެންދެން ދިރިއުޅުނު ވަޒަނުން އެ ނުކުންނަނީ ހީވާގޮތުން މުޅި އުމުރަށެވެ. އެންމެ ލޯބިވާ މާމަ ދަރިފުޅު ފެނުމުގެ ނަސީބު މިއަދުން ފެށިގެން ނުލިބިދާނެއެވެ. އަމީރާގެ މަންމަ އާއި ބައްޕަގެ އެތަކެއް ހަނދާންތަކާ ގުޅިފައިވާ އެ ގެއިން އޭނާ އެ ނުކުންނަނީއެވެ. އެމީހުންގެ ލޯބި ފިރުމުންތަކުން ދުނިޔޭގެ ހުރިހާ އުފަލަކާއި ލައްޒަތެއް އެ ހިޔާވައްސަކުން ހޯދި އަމީރާ އުޅެ ބޮޑުވި ގެއިން މިއަދު އޭނާ އެ ނިކުންނަނީ ހިތާ ދެކޮޅަށެވެ. ދެން ދުވަހަކު ވެސް އެގެއަށް އާދެވޭނެ ކަމުގެ ފަނޑު އުންމީދެއް ވެސް ނެތްކަމަށް ޔަގީންކޮށްގެނެވެ.
ސާފުކޮށް އެއްޗެތި ބަދަލު ކޮށްދިނުމުން މަޑުމަޑު ހިނގުމެއްގައި، އަމީރާ ހިނގައިގަތީ ފާއިޒުމެންގެ ކޮޓަރިއާ ދިމާއަށެވެ. އާރުތީގެ އަތުގައި ހިފައިގެންނެވެ. އެވަގުތު ފާއިޒުގެ އަޑު، ނުރުހުން އެކުލެވޭ ރާގެއްގައި އިވުނެވެ.
"އާރުތީ! މަންމަ ތިގެންދަނީ ކޮންތާކަށް؟" ފާއިޒުގެ ސުވާލަށް ޖަވާބު ދިނީ އަމީރާއެވެ.
"ދަރިފުޅާ! ދިއުމުގެ ކުރިން މަންމަ ބޭނުން ކުޑަމީހާ ދެކިލަން. އެމަންޖެގެ ކޮލުގައި އެންމެ ފަހަރަކު ވިޔަސް ބޮސް ދިނުމުގެ ފުރުޞަތު މަންމައަށް ދީ. އެ ދަރިފުޅު ދެން ދުވަހަކު ވެސް މަންމައަށް ނުފެނިދާނެ" ބެދެމުން ދިޔަ އަޑަކުން ލަސްލަހުން އަމީރާ ވާހަކަ ދެއްކިއެވެ. ހިތްހަމަ ނުޖެހިފައިވާ ފާއިޒު، އޭނާގެ ޖަވާބު އަމީރާއަށް އިއްވިއެވެ.
"މަންމައަށް އެނގޭ ދޯ ނާޒު ތިކަންކަމާ ނުރުހޭވަރު. ދެން ކީއްކުރަން މަންމަ ތިހެން ތިއުޅެނީ؟ އިތުރަށް އަހަރެމެން ރުޅިއަރުވަން؟" އަމީރާ ހުރި ފިޔަވަޅުމަތީގައި ހިމޭންވިއެވެ. އަދި އިސް އޮބާލައިގެން ހުރެ އާރުތީއާ އެކު ގޭގެ މައިދޮރުން ނުކުތުމަށް ހިނގައިގަންނަމުން ބުނެލިއެވެ.
"މަންމަގެ ދަރިފުޅާ! މަންމަ ދަރިފުޅު ރުޅިއެރުވީ ކޮން އިރަކު؟ ދުވަހަކު ވެސް އެވަރުގެ ކަމެއް މަންމަ ނުކުރާނަން!"
ހިމޭން ވަގުތު ކޮޅަކަށް ފަހު، އާރުތީއާ އެކު ގޮސް އަމީރާ ކާރަށް އަރައިފިއެވެ. އެމީހުންގެ ކުރިން ފާއިޒު ގޮސް ކާރުގެ ކުރީ ޝީޓްގައި އިށީނެވެ. ކާރުގައި ތިބި އިރު، އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެހެނަސް، ފަހަތު ޝީޓުގައި ތިބި އާރުތީ އާއި އަމީރާގެ ލޯ ވަނީ ކަރުނުން ބަރުވެފައެވެ. އަމީރާގެ ބުރަކަށީގައި ފިރުމަމުން އާރުތީ އެ ދޭ މެސެޖުތަކުގައި ވަނީ ލޯތްބާއި ކުލުނެވެ. ފާއިތުވި ބައްތިރީސް އަހަރު، ސާހިބަކު ގެންގުޅޭ ޚާދިމާއަކަށް ދިން އިޙްތިރާމާއި އޯގާތެރިކަން، މިއަދު އެދެމެދުގައި އުފައްދާފައި އެވަނީ ކޮންފަދަ ކުލުނެއް ހެއްޔެވެ؟ މިވީ ދިގު މުއްދަތުގައި އަމީރާގެ ފަރާތުން، ރުޅިވެރިކަމާއި ނުރުހުމުގެ ސިފައެއް އާރުތީ ނުދެކެއެވެ.
ކާރުން ފައިބަމުން އާރުތީގެ ރަތްވެފައިވާ ދެ ލޮލުން ކަރުނަ ފޮހެދެމުން އަމީރާ ބުނެލިއެވެ. އާރުތީއެވެ. އަހަރެންނަށް ހިތްހެޔޮ ކުރައްޗެވެ. އަހަރެންގެ ސަބަބުން އެގޭގައި ހަޑިވެފައިވާ އިތުރު ތަނެއް ހުރި ނަމަ، އެތަނެއް ވަރަށް ރަނގަޅަށް ސާފުކޮށްދެއްޗެވެ. ލޯންޗަށް އަމީރާ އެރުވުމަށް ފަހު، އެ ލޯންޗް ކަނޑިންމައިން ނިކުންނަންދެން އާރުތީ ބަލަން ހުއްޓެވެ. ގިސްލައި ރޮމުންނެވެ.
ލޯންޗް އޭގެ ހަލުވި ދުވެލިގައި ދެއެވެ. އަމީރާގެ ޚިޔާލުތަކުގައި ޞަފްޙާއަކަށްފަހު ޞަފުޙާއެއް އުކެމުން ދެއެވެ. އަމީރާއާއި ފާއިޒުގެ ބައްޕަ އާ ދެމެދު އުފެދުނު ގުޅުން ފެށުނު ގޮތެވެ. ފާއިޒު އަމީރާގެ ދިރިއުޅުމުގައި ހޭދަކުރި ދުވަސްތަކެވެ.
1980 ގެ ފަހުކޮޅު އަމީރާ ރާއްޖެ އައީ ވިޔަފާރީގެ ދާއިރާއިން މަތީ ތާއުލީމު ޙާޞިލުކޮށް ގެންނެވެ. އޭނާގެ ބައްޕައަކީ ވިޔަފާރި ވެރިއެކެވެ. ބައްޕަގެ ވިޔަފާރި ހިންގުމުގެ މޭސްތިރިއަކީ ބައްޕަގެ މުއައްޒަފެއް ކަމަށްވާ ހަލީލެވެ. ވިޔަފާރީގެ ދާއިރާއިން އުނގެނިފައި ނެތަސް، އޭނާގެ ވިސްނުންތެރިކަމާއި ހިކުމަތުން ބައްޕަގެ ވިޔަފާރީގެ ފައިދާ ވަނީ، ބޮޑުތަނުން ކުރިއަރާފައެވެ. އަމީރާ މާލެ އައުމާއެކު ވިޔަފާރީގެ މަސައްކަތަށް ނުކުތެވެ. އަމީރާ އައުމުން، ހަލީލު މަސައްކަތް ކުރަމުން ދިޔައީ އަމީރާގެ ދަށުންނެވެ. މަސައްކަތުގެ މާހައުލުން، ހަލީލުގެ ހިންގުންތެރިކަމާއި އޭނާގެ ވިސްނުމުގެ ޤާބިލުކަން ދެކެފައި އަމީރާގެ ހިތުގައި ޚާއްޞަ މަޤާމެއް ހަލީލަށް ދެވުނެވެ.
އެއްދުވަހަކު އަމީރާ އޮފީހަށް އައި އިރު، މޭޒުމަތީގައި ސިޓީއެއް އޮތެވެ. އެއީ ހަލީލުގެ ސިޓީއެކެވެ. އޭގައި އޮތީ ވަރަށް ބޮޑު ކަމެއް ދިމާވެގެން ކުއްލިގޮތަކަށް ރަށަށް ދާން ޖެހިގެން ފުރީ ކަމުގައެވެ.
ހަފްތާއެއްހާ ދުވަސް ފަހުން، ހަލީލު އެނބުރި ރަށުން އައީ މާޔޫސްވެފައިވާ ހިތަކައި ގެންނެވެ. ވީގޮތް އެހުމުން ވަރަށް އަސަރާއެކު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެ މައްސަލައަށް ހައްލެއް ގެނެސްދިނީ އަމީރާއެވެ. ބައްޕަ އާއި ހަލީލުގެ ވެސް ރުހުމާއެކުގައެވެ. އެދުވަހުން ފެށިގެން ހަލީލުގެ ހުރިހާ ކަމެއްގައި އަމީރާ ދެމިހުރީ ކައިވެނީގެ އަޤުދާއި އެ ދެމެދުގައި ވީ އަހުދުގެ މަތީގައެވެ.
ހިޔާލުގެ ދުނިޔެއިން އަމީރާއަށް ހޭލެވުނީ ލޯންޗް ގުރައިދޫ ފަޅަށް ވަނުމާއެކުގައެވެ. އަމީރާއަކީ ހިތްވަރު ގަދަ، އަންހެނެކެވެ. އޭނާގެ ހިތްވަރު ގަދަކަން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އޭނާގެ ފިރިމީހާ، އޭނާގެ މަންމަ އާއި ބައްޕަ ގޮވައިގެން މާލެއިން ފުރައިގެން ދެއްވަދުއަށް ކުރި ދަތުރެއްގައި، އެމީހުން ދަތުރު ކުރި ބޯޓު އަޑިޔަށް ދިޔަ ކާރިސާގައި އެ ތިން ފުރާނަ އެކުއެކީ ގެއްލި ދިއުމުން ވެސް، އޭނާގެ ކިބައިން ފެނުނު ކެތްތެރިކަމާއި އީމާންތެރިކަމެވެ. ފިރިމީހާގެ ލޯތްބާއި މައިންބަފައިންގެ ކުލުނު އެކުއެކީގައި އަމީރާއަށް ބީވެ ދިއުމުން ވެސް އަމީރާ ތަންމައްޗަކު ނޯވެއެވެ. ބައްޕަގެ ވިޔަފާރީގެ ހުރިހާ ޒިންމާއެއް ނެގީ އަމީރާއެވެ. އަދި ފިރިމީހާގެ ހަމައެކަނި ނިޝާން، ތަރުބިއްޔަތުކޮށް ބެލެހެއްޓުމަކީ، އަމީރާގެ ހިންހަމަ ޖެހުމާއި އުފަލެވެ. ފާއިޒު ކިޔަވާ އުމުރަށް އައުމުން އޭނާއަށް ތަޢުލީމު އުނގަންނައި ދިނެވެ. މާލެއިންނާއި ބޭރުން ވެސް އޭނާއަށް ކިޔަވައި ދިނެވެ. މައިވަންތަކަމުގެ ކުލުނުން ޒައްރެއްގެ މިންވަރު ވެސް އުންޏެއް ނުކުރެއެވެ. ކައިވެނި ކުރާ އުމުރަށް ފާއިޒު އައުމާއެކު، އެކަމަށް ވެސް އަމީރާ މަރުޙަބާކީ ލޯތްބާއި އުފަލާ އެކުގައެވެ. ފާއިޒާއި ނާޒުގެ ކައިވެންޏަށް އަމީރާގެ ތަނަވަސްކަން ވަކި މިނެއް ނެތި އޮތީ ހުޅުވާލައިފައެވެ.
ފިޒާއަށް ނާޒު ބަލިވެ އިންކަން އެނގުނު ދުވަހު ވެސް އެންމެ އުފާވި އެކަކީ އަމީރާއެވެ. މާމައަކަށްވުމުގެ ފަޚުރު އެ ހިތުގައި އޮތީ އިންތިހާއަށެވެ. ތުއްތު ދަރިފުޅު އުފަންވުމާއެކު، އެ ދަރިފުޅުގެ ހުރިހާ ކަމެއް އަމީރާގެ އަތުން ކޮށްދިނުމަށް އަމީރާ ބޭނުންވިއެވެ. އެހެނަސް، ނާޒުގެ ނުފޫޒުން އެ ފުރުޞަތެއް ނުލިބުނެވެ. ނާޒުގެ އެ ނުގަބޫލު ކަމަކީ ތަހަންމަލު ކުރަން އުނދަގޫ ވޭނަށް އަމީރާއަށް ވިއެވެ. އުފުލަން ޖެހުނު މި ހިތްދަތިކަން އަމީރާ ބަލިކަށި ކުރުވިއެވެ. ކެއިންބުއިމާ ދުރުކުރުވިއެވެ. އެއްގޮތަކަށް ވެސް ލޮލަށް ނިދި ނައިސްގެން، ގޭތެރޭގައި ބޭގަރާރުވެ ހުރެ ހިނގޭ ގޮތް ވިއެވެ. އެމަގުން، ކަންކަން ގޯސްވަމުން ގޮސް، ޞިއްޙީ އެހެން މައްސަލަތަކާ ވެސް ކުރިމަތި ވީއެވެ. ހަމަ އެއާއެކު ހާސްވެ ހިތް ބިރުގަންނަން ވެސް ފެށީއެވެ. މިކަން މާބޮޑަށް ގޯސް ވުމުން، ފާއިޒު އަމީރާ ޑޮކްޓަރަށް ދެއްކިއެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން، ނަފްސާނީ ބައްޔަށް ދޭ ބޭސް ދޭން ފެށިއެވެ. އަމީރާގެ ބަލި ބޮޑުވުމުން ވިޔަފާރީގެ ހުރިހާ ކަމަކާ ހަވާލުވީ ފާއިޒެވެ. އަމީރާގެ މަޝްވަރާއާ އެކުއެވެ. އެދުވަސްވަރު އަމީރާގެ ކިބައިން ފާއިޒު ވަރަށް ބޮޑުކަމަކު އެދުނެވެ. އަމީރާގެ ނަމުގައި އޮތް އެ ގެ އާއި ވިޔަފާރި، ފާއިޒުގެ ނަންމައްޗަށް ބަދަލުކޮށްދިނުމަށެވެ. އަމީރާއަށް އެކަންކަން ދެން ނުބެލެހެއްޓޭނެކަން ވިސްނައި ދެމުންނެވެ. ކުޑަކޮށް ވިސްނާލުމަށް ފަހު، އަމީރާގެ ޖަވާބު ފާއިޒަށް ދިނެވެ.
"ދަރިފުޅާ! ދަރިފުޅަށްވުރެ އަގު ބޮޑު އެހެން އެއްވެސް އެއްޗެއް މި ދުނިޔޭގައި މަންމައަކަށް ނުލިބޭނެ. މަންމަގެ ހުރިހާ އުފަލަކީ ވެސް ދަރިފުޅު. މަންމަގެ އަތުގައި އޮތް ކޮންމެ އެއްޗަކީ ދަރިފުޅުގެ އަތުގައި ހުރި އެއްޗެއް. އެއީ މުދަލެއް ކަމުގައި ވިޔަސް އަދި އުފަލެއްކަމުގައި ވިޔަސް. އެހެންވީމާ، ތިޔަކަން ކޮށްދޭން މަންމަގެ އެއްވެސް މައްސަލައެއް ނެތް. ހަމައެކަނި އިލްތިޖާއަކީ، މަރު ދުވަހާ ޖެހެންދެން މަންމަ މި ދުނިޔެއަށް ގިނަ ނުކޮށް ބަލަހައްޓައި ދިނުން"
އަމީރާގެ ހުއްދަ ލިބުމާއެކު، ވިޔަފާރި އާއި ގޭގެ މިލްކުވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފާއިޒު ލޯފާމަކާ ހަވާލުކުރިއެވެ. ފާއިޒު އުޅެން ޖެހޭލެއް ބުރަ ކަމާހުރެ ނާޒު ބޭނުންވި ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދާތީ، ނާޒު ހުއްނަނީ ރުޅިންނެވެ. އެހެންވެ ބޮލަށް ފަސޭހަކޮށްލަން ފާއިޒު، ނާޒަށް ދޮގެން ހެދިއެވެ. މިލްކުވެރިކަމާ ގުޅޭ މަސައްކަތް ފުރިހަމަކޮށް ނިމިއްޖެ ކަމުގައި ބުނެއެވެ.
އަޟްޙާ ޢީދު ދުވަހެއްގެ ހެނދުނެވެ. ޢީދު ނަމާދަށް އަމީރާ ދިޔައީ، ނަން ހުސްކޮށް ހެދިކާގެ އެކި ވައްތަރުތައް ތައްޔާރުކޮށް މޭޒުމަތީގައި އެތުރުމަށް ފަހުގައެވެ. ޢީދު ނަމާދަށް ދާން ގެއިން ނުކުންނަމުން، އާސިފަށް ގުޅިއެވެ. އާސިފަކީ އަމީރާއާ ދެބެންގެ ދެދަރި މީހެކެވެ. އެއީ މިހާރު ދުނިޔޭގައި އަމީރާގެ އާއިލާއަށް ނިސްބަތްވާ ހަމައެކަނި މީހާއެވެ. ޒަމާނަށް އައި ބަދަލާއެކު އެންމެން ވެސް އުޅެނީ "ބިޒީ" ދިރިއުޅުމެއް ކަމުން، އާސިފަށް އަމީރާގެ ގެއަށް އާދެވެނީ އެކަހަލަ ޚާއްސަ ދުވަހަކުއެވެ.
އަމީރާ ޢީދު ނަމާދުން އައި އިރު، ކާމޭޒު ކައިރި ފުރެންދެން ތިބީ ނާޒުގެ އާއިލާ މީހުންނެވެ. އެ ޢާއިލާ އަންނާނެކަން އަމީރާއަށް އެއްގޮތަކަށް ވެސް، އަންގާލާފައި ނެތީމަ އޭނާ ދެރަވިއެވެ. އަންގާލި ނަމަ، އެއަށްވުރެ ގިނަ ހެދިކާ އަމީރާ ހެދީހެވެ. އޭރުން ނާޒުގެ އާއިލާ އާއި އާސިފުގެ އާއިލާއަށް ވެސް ފުދޭވަރަށް ކާތަކެތި ހުރީހެވެ.
އަމީރާ ބުނި ގަޑިއަށް އާސިފުގެ ޢާއިލާ ގެއަށް އަތުވެއްޖެއެވެ. ނަމަވެސް، ކަން ދިމާވީ ވަރަށް ދެރަކޮށެވެ. އެއްވެސް ހެދިކާއެއް ކާމޭޒުމަތީގައި ނެތެވެ. ވީ ދެރައިންނާއި ގަތް ލަދުން، އަމީރާގެ މޫނުގެ ކުލަވަރު ފަނޑުވެގެން ދިޔަތަން އާސިފަށާއި އޭނާގެ އަންހެނުންނަށް ފެނުނެވެ. އެ ހިނދު ނުހަނު އިހުތިރާމާއެކު އަމީރާއަށް ހިތްވަރުގެ ދެތިން ބަހެއް ބުނެލަމުން އާސިފު ބުންޏެވެ.
"ތިއްތާ! މިހެން ދިމާވާ ފަހަރު ވެސް އަންނާނެ! މިއަދު އަހަރެމެން ބޯލާނީ ތިއްތަގެ އަތުން ވަރަށް މީރު ކޮފީއެއް. ތިއްތަ އަތުން ގިރާލީމަ، އެ ވެސް ލައްކަ މީރުވާނެ ދޯ ވަދީ" އާސިފު އޭނާގެ އަންހެނުންނަށް ދޯ ދެމުން އެހެން ބުނެލީ އަމީރާގެ ބޮލުގައި ފިރުމާލަމުންނެވެ. އެވަގުތު ކޮންމެވެސް ކަމަކު ނާޒު އައިސް ކާ ކޮޓަރިއަށް ވަންނަމުން އާސިފު އެބުނި އެއްޗަކާ ވިއްދާ ބުނެލި އެއްޗަކުން، އަމީރާ ވަރަށް ބޮޑަށް ދެރަވެ، ލަދުގަތެވެ.
"ގެއަކަށް ބަޔަކު ގެންނަ އިރު، ގޭގައި އުޅޭ މީހުން ގާތު އަހައިލުމެއް ކަހައިލުމެއް ވެސް ނޯވޭތަ؟ ނުބުނެ ގެނައީމަ ވާނީ ތިހެން" ނާޒު އެ ބުނި އެއްޗަކާމެދު ހައިރާންވެ، ސުވާލުގެ ނަޒަރަކުން އާސިފު އަމީރާއަށް ބަލައިލިއެވެ. އެވަގުތު އަމީރާއަށް ވަމުން ދިޔަ ގޮތް ދެކި، އަމީރާ ހަމަޖައްސާލުމަށް ޓަކައި އާސިފު ވާހަކަ ދެއްކިއެވެ.
"އަހަރެމެން މިއަދު މި އައީ ތިޔަ ކުދިންނާއި ތިއްތަ ދެކިލަން. އީދު ދުވަސް ވީތީ ޢީދު ތަހުނިޔާ ކިޔާލަން. މި ވީކީ މާބޮޑު ކަމެއް ނޫނޭ ފަހަރީ" ނާޒަށް ބަލައިލައި ހިނިތުން ވެލަމުން އާސިފު ބުނެލިއެވެ.
އާސިފުގެ އާއިލާ ކާމޭޒު ދޮށުގައި ތިބި ވަގުތު އާސިފު، އާ ޚަބަރެއް އަމީރާއަށް ދިނެވެ. އެދުވަހު އާސިފު ބުނީ، ގެ ކުއްޔަށް ދީފައި ކުދިންނަށް ކިޔަވައިދޭން، އަންނަ ހަފްތާގައި އެ ދެމަފިރިން ރާއްޖޭން ބޭރަށް ފުރާ ވާހަކައެވެ. އެ ދުވަސްވަރު ކަންކަން ފުރުޅެމުން ދާގޮތުން ހިތްވަރުގަދަ އަމީރާއަށް އެޚަބަރުވީ، އޭނާ މާޔޫސްކުރުވި ޚަބަރަކަށެވެ. ނަމަވެސް މައިން ބަފައިން ދަރިންގެ މުސްތަޤުބަލު އުޖާލާކުރުމަށް ދެކޭ ހުވަފެންތަކުގެ ފޮނިކަން އަމީރާ ވެސް އިހުސާސްކޮށްފައި ވާތީ، އާސިފު އެ ބުނި އެއްޗަކަށް އަމީރާ މަރުހަބާކީ އުފާވެރި މޫނަކައިގެންނެވެ. އަދި ހަމަ އެއާއެކު ކުޑަ ދެބެންނަށް ނަސޭހަތުގެ ގޮތުން އެތައް އެއްޗެއް އަމީރާ ބުނެދިނެވެ.
ދެމަސް ދުވަސް ފަހެވެ. އަމީރާގެ ކޮޓަރީގައި އޭނާ އޮތީ ނިދި ޖެހިފައެވެ. އެހެން އޮއްވާ، މަގޭ ދަރިފުޅޭ ކިޔާފައި ނާޒު ހަޅޭލަވައި ރޮއެގެން އަޑަށް ސިހިގެން އަމީރާއަށް ހޭލެވުނެވެ. އޭރު އަމީރާގެ ކޮޓަރީގެ ބެލްކަނިން ފިޒާ ގޮވައިގެން ކޮޓަރި ތެރެއަށް ނާޒު ވަންނަނީއެވެ. ވީ ކީއްތޯ އަހައިލުމުން މިއީ ތިޔަ މުސްކުޅިޔާގެ ފަރުވާ ކުޑަކަމޭ، މަގޭ ދަރި މިއަދު މި ސަލާމަތްވީ ކިރިޔާއޭ ކިޔައި، އަމީރާއާ ދިމާއަށް ނާޒު ހަޅޭލެވިއެވެ. ލިބުނު ފުރުޞަތުގައި ފާއިޒަށް ގުޅައި ގެއަށް ގެނެސް، ދޮގު އެތައް ވާހަކައެއް ނާޒު ދެއްކިއެވެ. އަމީރާގެ ނަފްސާނީ ބަލި މިހާރު ވަރަށް ބޮޑު ކަމަށާއި މީ ހަނދުބޮޑުވާ މޫސުމޭ ކިޔައި ހެދިއެވެ. އަދި މިއަދު އަމީރާ އެ އުޅުނީ ފިޒާ ބެލްކަނިން ވައްޓާލަންށޭ ވެސް ބުންޏެވެ. ފާއިޒުގެ ރުޅި ގަދަވެގެން ގޮސް އަމީރާއާ ދިމާއަށް އެއްޗެތި ކިޔަންދެން ދޮގު އެތައް އިލްޒާމެއް އަމީރާގެ ބޮލުގައި އަޅުވަމުންދިޔައެވެ. ނާޒުގެ އެ ދޮގު ތުހުމަތަށް އަމީރާ ނޫނެކޭ ކިޔައި ރުއިރުއިން ފާއިޒެއް ނޭހިއެވެ. އެ ދުވަހުގެ އެ ހާދިސާއަށް ފަހު، ފާއިޒު ނިންމީ އަމީރާ ގުރައިދުއަށް ގެންދާށެވެ.
އެދުވަހަށް ފަހު ފާއިޒު އަމީރާއާ ވާހަކަ ދެއްކުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލިއެވެ. އަމީރާ ގާތު އަހަން ޖެހޭ އަދި ބުނަންޖެހޭ ވާހަކައެއް ނެތް ކަހަލައެވެ. އަމީރާ އިސްވެ ފާއިޒާ ވާހަކަ ދެއްކިޔަސް، އޭނާ ބަލަނީ އެއްވެސް ޖަވާބެއް ނުދީ ވޭތޯއެވެ. ދިނަސް ދެނީ ދެވެން އޮތް އެންމެ ކުރު ޖަވާބެކެވެ. މިހެން ކަންތައްތައް ވާން ފެށުމުން އަމީރާގެ ހިތުގައި ޖެހޭ ޖެހުން ހައްތާ ދިޔައީ ބޮޑުވަމުންނެވެ. އެކަނި ތާކު އިނދެ ރޯލުން ފިޔަވާ ކުރެވޭނެ ވަކި ކަމެއް ނެތީމައެވެ. އަބަދުމެ ސިކުނޑީގައި އެނބުރޭ ޚިޔާލު ތަކަކީ، އަމީރާގެ އުނގުގައި ފާއިޒުގެ ތުއްތު އުމުރު ގެންގުޅުނު ލޮބުވެތި ގޮތްތަކެވެ.
ގުރައިދޫގައި އަމީރާއަށް ފެށުނީ މުޅިން އާ ދިރިއުޅުމެކެވެ. އެހެނަސް، ހައެއްކަ މަސް ތެރޭގައި އެ މާހައުލަށް އަމީރާ ހޭނިއްޖެއެވެ. ޑޮކްޓަރުންގެ ފަރުވާ ލިބި، ކައުންސިލިން ވެސް ލިބެން ފެށުމުން، ހިތަށް ހަމަޖެހުން ލިބި ނަފްސާނީގޮތުން ދުޅަހެޔޮ މީހަކަށް ވިއެވެ. އަމިއްލަ ކަންކަން އަމިއްލައަށް ކޮށްލައި، އެހެން މީހުންނާ ވާހަކަ ދައްކައިލާ، ހިނިތުން ވެލަން ވެސް ފަށައިފިއެވެ.
ފާއިޒުމެންގެ ދެމަފިރިންގެ ޚިދުމަތުގައި އާރުތީ ދުވަހުގެ ހަތަރުދަން އުޅެމުން ދަނީ ބުރަކޮށެވެ. އެހެން އުޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ސިޓިންގ ރޫމްގައި އާރުތީ ހުރީ އިސްތިރި ކުރާށެވެ. އެވަގުތު ނާޒު އިނީ އޭނާގެ މަންމަގެ ކޯލެއްގައެވެ. ފިޒާ ގޮވައިގެން ހަވީރު ދުއްވާލަން ގޮސް އެނބުރި ގެއަށް އައިސް ފާއިޒު ވަން ވަގުތު އޭނާގެ ފޯނަށް ކޯލެއް އައެވެ.
"އާދެ! ފާއިޒު ވާހަކަ ދައްކަނީ!... އެހެންތޯ؟ އެކަމަކު އަޅުގަނޑުގެ ދިރިއުޅުން މިވަގުތު ހުރި ގޮތުން އަދި ގެނެވޭކަށް ނެތް... އާދެ! އާދެ! އިތުރު އެހެން ދަރިއަކު ވެސް ނުހުންނާނެ... ތިމާގެ މީހަކު އުޅޭ! އޭނަ މިހާރު ރާއްޖެއަކު ނެތް. ގުޅޭނެ ނަންބަރެއް ވެސް ނޭނގެ" ފާއިޒު ފޯނުން ދައްކަންފެށި ވާހަކައަކުން ނާޒު އޭނާ ކުރަން އިން ކޯލު މެދުކަނޑާލައި ފާއިޒުގެ ކޯލަށް ސަމާލު ވެލިއެވެ. އާރުތީ ވެސް އޭނާ ކުރަން ހުރި މަސައްކަތަށް މަޑުޖެހުމެއް ގެނައެވެ. ކޯލު ނިމުމާއެކު ނާޒު ސުވާލުކުރިއެވެ. ގުރައިދޫން ހެއްޔެވެ؟ އަނެއްކާ މިއަދު ވެސް ގުޅީހެއްޔެވެ؟ ހަވާލެއް ނުވެވޭނޭ ބުނީމާ ވެސް އަނެއްކާ ގުޅީހެއްޔެވެ؟ އާއެކެވެ. ރުންކުރު ޖަވާބަކުން ފާއިޒު ނިންމާލިޔަސް ނާޒު މައިތިރިއެއް ނުވިއެވެ. އެގެއަށް އަމީރާ ގެނެސްދާނެތީ ރުޅިގަދަ ވެގެން ނާޒު ހީވަނީ ރޫޅިދާނެހެނެވެ.
އާދީއްތަ ދުވަހެއްގެ މެންދުރު ފަހެވެ. ފާއިޒާއި ފާއިޒުގެ ވަކީލު ވަރަށް ބޮޑު މަޝްވަރާ އެއްގައި ތިއްބެވެ. ސިޓިންރޫމާ އިންވެގެން ހުރި ކޮޓަރިއެއްގައެވެ. ފާއިޒުގެ އަޑުގައި ވަނީ ކަންބޮޑ ވުމާއި ގޮތް ހުސްވެފައިވާ ކަމުގެ އަސަރުތަކެވެ. އެހެންވެ އެ ދައްކާ ވާހަކަ ފަހުމުވޭތޯ އަޑުއަހަން ،އާރުތީ ހުރީ ސިޓިން ރޫމު ސޯފާ ކައިރީގައެވެ. މަސައްކަތެއް ކުރަން ކަމަށް ހެދިގެންނެވެ. މައްސަލައެއްކަމަށް ވެގެން އުޅެނީ، އަމީރާގެ ވާރިސުންގެ މައުލޫމާތު ހުށައަޅާފައި ނެތުމުން އެކަން ކުރަން ޖެހުމެވެ. އާސިފަކީ އަމީރާގެ ވާރިސެއްކަން ފާއިޒަށް ވެސް އަދި ވަކީލަށް ވެސް އެނގެއެވެ. މިކަމަށް އާސިފުގެ ރުހުން ބޭނުންވާކަމަށް ވަކީލު ބުނަމުން ދިޔައެވެ. ނަމަވެސް، މިހާރު ކަންކަން ވެފައި އޮތް ގޮތުން އާސިފު މިކަމާ ރުހުމަކީ ނާދިރު ކަމެއްކަން ފާއިޒު ވަކީލަށް ކިޔައިދިނެވެ. މި ވާހަކަ އަޑު އިވުމާއެކު އާރުތީއަށް ނޭނގޭ އުފާވެރިކަމެއް އައިސް، ޖޯޝް އުފެދޭ ގޮތް ވެއްޖެއެވެ. އުންމީދު ގެއްލިފައިވާ މީހަކަށް އަލިކަމެއް ލިބުނު ކަހަލައެވެ. އެހެން ހުއްޓާ މީހަކު ސަލާމް ގޮވާއަޑަށް އާރުތީ ނުކުތެވެ.
ގެއަށް އައިސް ހުރީ އާސިފެވެ. ވިސާ ޖަހަން މާލެ އައިސް ތިއްތަ ދެކިލަން އައީ ކަމުގައި ބުނެލިއެވެ. އެވަގުތު ލިބުނު ފުރުޞަތުގެ ބޭނުންކޮށް އާރުތީ އާސިފު ގޮވައިގެން އެގެއިން ބޭރަށް ނުކުތެވެ. މަގުމަތީގައި މަޑުކޮށްލައިގެން ހުރެ، ކުރު ގޮތަކަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އާސިފުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަދި އެގެއަށް ވަދެ ފާއިޒަށް ގޮވިއެވެ.
"ފާއިޒު! ކޮބާ ފާއިޒު؟ އާސިފު ގޮވާ އަޑަށް ނާޒު ނުކުތެވެ. އާސިފު ރުޅިވެރި ރާގުގައި ބުންޏެވެ.
"ފާއިޒު ގާތު ބުނޭ އަހަރެން އައިސް ހުރި ވާހަކަ" އެ އަޑާއެކު ފާއިޒު ވެސް އެތަނަށް އައެވެ. އޭނާގެ ފަހަތުގައި ވަކީލު ހުއްޓެވެ. އާސިފުގެ ފަހަތުގައި އާރުތީ ވެސް ހުއްޓެވެ.
"މާ ހެސް އަރާފަ، ތިޔަ ވާހަކަ ދައްކަނީ ކާކަށް އިއްވަން؟" ނާޒު ސުވާލު ކުރިއެވެ.
"އަހަރެން މި އައީ އަހަރެންގެ ތިއްތަ ހޯދަން. ތިއްތަގެ އަމިއްލަ ވަޒަނަށް" އާދަޔާ ޚިލާފު ފޯރިއަކާއި ޖޯޝެއްގައި އާސިފު ވާހަކަ ދެއްކިއެވެ.
"އެހެންތަ؟ ތިޔަ ހުރީ ވަރަށް ބޮޑަށް އޮޅިފަ. ފުރަތަމަ މިހާ ހަމަބިމަށް ފައިބަބަލަ. ތިޔަ ބުނާ ތިއްތައެއް މިގެއަކު ނެތް. ފަހަރުގައި ގުރައިދޫން ދިމާވެދާނެ. އަދި މިއީ ތިޔަބުނާ ތިއްތަގެ ގެއެއް ވެސް ނޫން. މިއީ މިހިރަ މަގޭ ފިރިމީހާގެ ގެ" ނާޒު ވެސް އެހާމެ ޖޯޝުގައި މަލާމާތުގެ ރާގުގައި އާސިފަށް ޖަވާބު ދިނެވެ.
ނާޒުގެ އެ ޖަވާބުން އާސިފު ބިމުން ލުހިގެން ދިޔައެވެ. އަދި ބުނެލިއެވެ. އޮޅުނީ މަށަކަށް ނޫނެވެ. ކަލޭގެ މިހިރަ ފިރިމީހާ އަށާއި ކަލެއަށެވެ. ފާއިޒުއެވެ! ކަލޭގެ އުންމަތާއި މިއްލަތާއި ނަސަބާއި ހަސަބާއި ހައިސިއްޔަތު ތިޔަ އޮތީ ކަލެއަށް ވަރަށް ބޮޑަށް އޮޅިފައެވެ. ބުނަންހެއްޔެވެ؟ ތިޔަ ފާއިޒު އާއި މަގޭ ތިއްތައާ ދެމެދު ލޭގެ އެއްވެސް ގުޅުމެއް ނޯންނާނެވެ. އޮތިއްޔާ އޮތް ގުޅުމަކީ ދޮން ދަރިއަކާއި ދޮން މަންމައެއްގެ ދެމެދުގައި އޮންނާނެ ގުޅުމެވެ. އެހެނަސް، ދޮންމަންމަ އެއްކަން ކަލެއަށް ތިއްތަ އިހުސާސް ކޮށްދިންހެއްޔެވެ؟ މައިވަންތަ ކުލުނާއި އިންސާނިއްޔަތުކަމުގެ ކުލުނު ދީގެން ބަލައި ބޮޑު ކުރީމައި، ދޭން ލިބުނު އިނާމަކީ ތިއްތަގެ އަމިއްލަ މިލްކިއްޔާތު ދަވާލުން ހެއްޔެވެ؟ އޭނާގެ އަމިއްލަ ވަޒަނުން ނެރެ އެއްލައިލުން ހެއްޔެވެ؟ ފިރިމިހާ މަރުވުމުން، ތިއްތަ އިތުރު ކައިވެންޏެއްނުކޮށް ޒުވާން އުމުރު ދުއްވާލީފާއިޒަކީ، އޭނާގެ މައްޗަށް އޮތް އިލްތިޒާމެއް ކަމަށް ތިއްތައަށް ޤަބޫލުކުރެވޭތީއެވެ.
އާސިފުގެ އަޑުން އެ އިވުނު ވާހަކަތައް ފާއިޒުގެ ކަންފަތާ ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ މިސާލުގައެވެ. ހުރި ފިޔަވަޅުމަތީ ދެފައި ހަރުލިއެވެ. ދުނިޔެ އެނބުރޭހެން ހީވިއެވެ. ބުނާނެ އެއްޗެއް އެއްގޮތަކަށް ވެސް ފާއިޒުގެ ދުލަކަށް ނައެވެ.
ވަންހަނާވެފައި އޮތް ވާހަކަތަކުގެ ފަރުދާ ފާއިޒުގެ ކުރިމަތީގައި އާސިފު ކަހައިލައިފިއެވެ. ފާއިޒުގެ ބައްޕަ ހަލީލާއި އަމީރާ ބައްދަލުވި ގޮތާއި އެދެމެދުގައި ގުޅުމެއް ފެށުނު ގޮތެވެ. އަދި ފާއިޒަކީ ހަލީލުގެ އަލަތު ކައިވެންނަށް ލިބުނު ދަރިއެއް ކަމާއި ފާއިޒު ވިހާފައި، ފާއިޒުގެ މަންމަ ނިޔާވި ކަމެވެ. އަންހެނުން ވިހެއިކަމާއި ވިހެއުމުގެ ތެރޭގައި ހާލުދެރަވެ އަނބިމީހާ ނިޔާވި ޚަބަރު ލިބުމުން ކުއްލި ގޮތަކަށް މާލެއިން ފުރައިގެން ފާއިޒުގެ ބައްޕަ ރަށަށް ދިޔަކަމެވެ. އަދި ފާއިޒުގެ މަންމަ ފަރާތު އެއްވެސް މީހަކު ފާއިޒު ބެލެހެއްޓުމާ ހަވާލު ނުވުމުން އޭނާގެ ބައްޕަ ވަޒީފާއަށް އައީ ފާއިޒު ގޮވައިގެން ކަމާއި ހަލީލަށް ކުރިމަތިވި އެ އުނދަގޫ މައްސަލަ އަމީރާ ހައްލު ކުރުމުގެ ގޮތުން ހަލީލަށް އިސްވެ ކައިވެނި ހުށައެޅީ ކަން ވެސް އާސިފު ކިޔައިދިނެވެ. އަދި ފާއިޒު ބެލެހެއްޓުމުގެ ކަންކަން އަމީރާ ކުރީ، ލޯބިވާ މިހެއްގެ ދަރިއަކަށް ވިތީ އެކަނި ނޫންކަމާއި އެއަށްވުރެ ބޮޑަށް އިންސާނިއްޔަތުކަން އެ ހިތުގައި އަށަގަނެފައި ވީތީ ކަމަށް ވެސް އާސިފު ބުންޏެވެ.
އިވުނު ވާހަކަތަކާއެކު ފާއިޒުގެ ހިތުގެ ހިނގުން އަވަސްވެ، އިރުއިރުކޮޅުން ހުއްޓެމުން ހިނގަމުންދާކަމުގެ އިހުސާސްވަމުން ދިޔައެވެ. ފެންނަމުން ދިޔައީ އޭނާ ބަލައި ބޮޑުކުރި މަންމައަށް، ކަންކުރެވުނު ލާއިންސާނީ ގޮތްތަކެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ، ކިޔުނު އިހާނެތި ބަސްތަކެވެ.
އާސިފުގެ ވާހަކަތައް އަހަން ކެތް ނުވެގެން، އަޅާލާނެ ވާލެއް އިޔާރެއް ނެތް ޔަތީމަކު ފަދައިން ފާއިޒު ގެއިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ނުކުމެގެން ދިޔަތަން ބަލަން ހުރެ އާސިފު ވަކީލަށް އެންގިއެވެ. ހުޝިޔާރެވެ. މަގޭ ތިއްތަގެ އެއްވެސް މުދަލެއްގައި އަތްލަން ހިތުވެސް ނުލައްޗެވެ. އަދި ހަމަ އެހިނދު އާރުތީއަށް ބުންޏެވެ. އާރުތީއެވެ! މިގެއިން މިސްގާލެއްގެ މިންވަރު މީހަކު ގެންދިޔަސް، އަހަރެންނަށް ގުޅައްޗެވެ. އަހަރެން، ތިއްތަ ގޮވައިގެން އަންނަދެން ފިހާރަ އާއި، ގޭގެ ތަޅުދަނޑި އޮންނަން ވާނީ އާތުރީ އަތުގައެވެ. އެހެން ބުނެ އާސިފު އެގެއިން ނުކުމެގެން ދިޔައެވެ. އޭރު ނާޒު ހުރިތާ ތަންހަރު ވެފައި ހުއްޓެވެ.
އަމީރާ އޭނާގެ އެނދުގައި އިނީ، އޭނާގެ ހެދުމެއްގައި ގޮށް ލާށެވެ. އެވަގުތު މީހަކު ސަލާމް ގޮވުމަށްފަހު، އަމީރާ ހޯދަން އޭނާގެ ދަރިފުޅު އައިސް ހުރި ވާހަކަ ބުންޏެވެ. އަމީރާއަށް ހައިރާން ކަމާއެކު ކޮޅަށް ތެދުވެވުނެވެ. މިތާނގައި އޭނާ ހޭދަކުރި މުއްދަތުގައި އެންމެ ފަހަރަކު ވެސް ފާއިޒެއް ނާދެއެވެ. އަދި އަމީރާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ގުޅީމާ ވެސް އޭނާ ނައެވެ. އަމީރާގެ ހާލަތު ރަނގަޅު ވެފައި ވާތީ އޭނާއާ ހަވާލުވާން ތަނުގެ ފަރާތުން އެތައް ފަހަރަކު ގުޅުމުން ވެސް ނައިސް ދެއްކީ ބަހަނާއެވެ. އެހާ ހިލަ ހިތެއްގެ ވެރިއަކު މިއަދު އަމީރާ ދެކެން އައީ ކީއްވެ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.
އާއިލާ މީހުންނާ ބައްދަލުކުރަން އޮންނަ ތަނަށް އަމީރާ ދިޔައިރު ފާއިޒު ހުއްޓެވެ. ފާއިޒު ފެނުމުން އެހެންޏާ އަމީރާއަށް ކުރެވޭ އުފާވެރި އިހުސާސެއް މިފަހަރަކު ނުކުރެވުނެވެ. އަދި ދެން އޭނާ އަމަލު ކުރަންވީ ގޮތެއް ވެސް ނޭނގޭ ހާލު ސުވާލު ކުރިއެވެ.
"ކޮންކަމެއް ޖެހުނީ؟" އަމީރާގެ އަޑުގައި ވަނީ ދުރުހިލޭ ކަމެވެ. އެއަޑު އިވުމާއެކު ފުރަގަސްދީގެން ހުރި ފާއިޒު އެނބުރި އަމީރާއަށް ބަލައިލިއެވެ. އެއަށްފަހު މަޑުމޮޅިކަމާއެކު ބުންޏެވެ.
"މަންމާ! ކުރިން ނޭނގި އޮތް ވަރަށް ގިނަ ކަންކަން މިހާރު އަހަރެންނަށް އެނގިއްޖެ. އެކަން އެހެން އޮތަސް، އަހަރެން ބޭނުމީ ތިޔަ އުނގުން ދަރިއެއްގެ މަގާމު. ބޭނުމީ ތިޔަ އޯގާތެރި ފިރުމުން. މަންމާ! އަހަރެން އެކަހެރިކޮށް ނުލައްޗޭ! އާދޭސް ކުރަން. މިއަދުން ފެށިގެން އަހަރެން ބޭނުމީ މަންމައާ އެކު އުމުރު ދުވަހު އެކުގައި އުޅެން" އަސަރާއެކު ފާއިޒު ވާހަކަ ދެއްކިއެވެ. އަމީރާ އިސްޖަހައިގެން ހުރީ އޭނާގެ ލޯ ފުރާ އަންނަމުން ދިޔަ ކަރުނަތައް އޮބަހައްޓަން މަސައްކަތް ކުރަމުންނެވެ. އިހުސާސް ވަމުން ދިޔައީ އަމީރާގެ ހާޒިރުގައި، ތަނުގެ ފަރާތުން ފާއިޒަށް ގުޅައި އަމީރާއާ ހަވާލުވުމަށް އެދުމުން، ފާއިޒު ދެއްކި ބަހާނާތަކުގެ ސަބަބުން އެ ހިތަށް ކުރި ފުން އަސަރުތަކެވެ. އެހެންހުރެ ރޮވިފައިވާ އަޑަކުން އަމީރާ ވާހަކަދައްކަން ފެށިއެވެ.
"ގެއިން ނެރެ، އަހަރެން މިތަނަށް ފޮނުވާލި ދުވަހު ފާއިޒު އަހަރެންނަށް ސާބިތުކޮށް ދިނީ، ހަމަ ހަޤީގަތުގައި ވެސް ލޭގެ ގޮތުން އެއްވެސް ގުޅުމެއް މި ދެމެދުގައި ނެތްކަން. ސާބިތުކޮށް ދިނީ އާމާނާތްތެރިއެއްގެ ލެއިން ވެސް ޚިޔާނާތްތެރިއަކު އުފަން ވެދާނެކަން. އިންސާނިއްޔަތުކަން އެކުލެވޭ ހިޔާވައްސަކުން އަނިޔާވެރިއަކު އުފެދިދާނެކަން. ފާއިޒުގެ ބައްޕަގެ ހުރި ހުލްޤުހެޔޮ ސިފަތައް އެއީ އަހަރެން އޭނާގެ އަންބަކަށްވުމަށް ޝައުގުވެރި ކުރުވި ސަބަބު. ހަލީލުގެ އަމާނާތްތެރި ކަމަކީ ހަލީލުގެ ގިލަންވެރިކަން ފިލުވައި ދިނުމަށް އަހަރެން އިސްނެގި ސަބަބު. އެހެނަސް، ފާއިޒު ކަން ކުރި ގޮތުން މިއަދު އެހުރިހާ ގުރުބާނީއެއް ބެކާރު ވެއްޖެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ފާއިޒުގެ އަމަލުތަކުން، އަހަރެން ވަރަށް ހިތުގައި ޖައްސައިފީމު. ލޮލުން ލޭކަރުނަ އޮހޮރަން ޖައްސައިފިމު. ވީމާ، ދެން އެއިން އެއްވެސް ކަމެއް ކުރަން ފުރުޞަތު ދޭނެހައި ހިތްވަރެއް މި ހަށީގައި ނެތް. ދެން އަހަރެން އަތުން ފާއިޒުއަށް ލިބޭނެހާ ވެސް އެއްޗަކީ، ފާއިޒުގެ އަމިއްލަ މަސައްކަތެއް ފަށާވަރަށް ދޭނެ ފައިސާކޮޅެއް. އެއީ، ހަލީލުގެ ހަނދާނާއި އޭނާއަށް ކުރާ އިހުތިރާމަކުން ފާއިޒުއަށް ދޭ އެއްޗެއް. އަހަރެން އެދެނީ ފާއިޒުއަށް ކާމިޔާބު. އުފާ ފާގަތިކަން" އެހެން ބުނުމަށްފަހު އަމީރާ އެނބުރި ދިއުމަށް ހިނގައިގަތެވެ. ފާއިޒު ހުރި ފިޔަވަޅުމަތީ މަޑުމަޑު ގިސްލުމަކުން ރޯލަރޯލަ ހުއްޓެވެ. އޭނާ އެތަނުން އެނބުރި ދިޔައީ ސެކިއުރިޓީ ބަލަހައްޓާ މީހަކު އެތަނުން ނުކުތުމަށް އެންގުމުންނެވެ. ދާން ޖެހުނީ ހުސް އަތާއެވެ.
- ނިމުނީ -