ޚަބަރު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި


  • އިސްތިއުފާ ދެއްވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމާ ގުޅިގެން

  • ރައީސްގެ އަރިހުން ދަސްވި ފިލާވަޅުތަކަށް ޝުކުރު އަދާކުރެއްވި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ.

ނަރީޝް ވަނީ އިސްތިއުފާގެ ސިޓީއާއެކު އިސްތިއުފާ ދެއްވާފައިވާކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ކަމަށެވެ.

އަހުމަދު ނަރީޝް މަޤާމުން އިސްތިއުފާ ދެއްވައި ފޮނުއްވެވި ސިޓީގައި ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމާ ގުޅިގެން އޭނާ މިހާރު ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު ކަމުންނާއި ޑެޕިއުޓީ މޭޔަރުގެ މަޤާމުން އިސްތިއުފާދެއްވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދިނުމުގައި ރައްޔިތުންނާއި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ނަރީޝް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރައްވައި، ރިވެތި ނަމޫނާ ދައްކަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ އަރިހުން ދަސްވި ފިލާވަޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުގައި ހޭދަކުރެއްވި މުއްދަތަކީ އެކި ދާއިރާތަކުން ތަޖުރިބާ ހާސިލްކުރެވި، ޝަހުސު ބައްޓަންކުރަން ލިބިގެންދިޔަ ފުރުޞަތެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ފިލާވަޅުތަކަށްވެސް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފައެވެ.