ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ތުރުކިޔޭގެ ޔުނިވަރސިޓީއަކާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ތުރުކިޔޭގެ އަންކާރާ ޔުނިވަރސިޓީއާއެކުއެވެ.
ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއާއި، ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ރަހީމް އަބްދުލް ލަތީފާއި އަންކަރާ ޔުނިވަރސިޓީގެ ރެކްޓަރ ނެކްޑެޓް އުނުވަރ ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އަންކާރާ ޔުނިވަރސިޓީއާ ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާގައި ރާއްޖެއިން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިރާސާތަކާއި، އީޖާދީގޮތްތަކާއި އަދި ތަމްރީންތައް ފޯރުކޮށްދީގެން ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
Minister Dr Maryam Mariya @mmaryambu recently held a virtual meeting with Mr. Necdet Ünüvar @necdetunuvar the Rector and team of Ankara University @AnkaraUni , joined by the Maldives Ambassador to Turkey, Mr Abdul Raheem Abdul Latheef. The discussions focused on enhancing food… pic.twitter.com/wgNOsiLcMo
— Ministry of Agriculture and Animal Welfare (@MAAWmv) March 11, 2025
އަންކާރާ ޔުނިވަރސިޓީއަކީ ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމުގައި ކާމިޔާބު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގައި ވެޓެރިނަރީ ފެސިލިޓީ ޤާއިމްކޮށްފައިވަނީ 1842 ވަނަ އަހަރުއެވެ.
ވަޒީރު ޑރ.މާރިޔާ އަންކާރާ ޔުނިވަރސިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ޖަނަވާރުންނަށް ދޭ މިފަދަ ޚިދުމަތްތަކަށްވެސް އެ ޔުނިވަރސިޓީގެ އެހީތެރިކަން ހޯދުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މިސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ޚާއްސަކޮށްގެން "އޮޅުހިޔާ" ގެ ނަމުގައި މުޅިން އަލަށް ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. އަދި އެތަނަށް ބައެއް ބުޅާތައް ވަނީ ބަދަލުވެސްކޮށްފައެވެ. "އޮޅުހިޔާ"ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.