ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފިއެވެ. މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުަތުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ.
މިއަހަރު ޙައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ 1446ވަނަ އަހަރު ދަޢުލަތުގެ އެހީގައި ޙައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 10 މީހުންނެވެ.
ފަޤީރުންނަށް ޙައްޖުވުމުގެފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު އަދީލް ވިދާޅުވީ މިފަހަރު ޙައްޖަށް ގެންދާ ލިސްޓަށް 302 މީހުން ޝަރުތު ހަމަވިކަމަށެވެ. އެ ޝަތުތުތަކުގެ ތެރޭގައި އުމުރުން 50 އަހަރާ 70 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފަރުޟު ޙައްޖެއް ކުރިން ކޮށްފައި ނުވުމާއި، ސިއްޙީ ޙާލަތު ތަންދިނުން ހިމެނެއެވެ.
"މަޢުލޫމާތު އެއްކުރުމަށް ކައުންސިލްތަކަށް ގުޅިގައިގެންވެސް މަޢުލޫމާތު ހޯދާފަވާނެ. އަދި އެގޮތަށް މަޢުލޫމާތު ނުނެގުނު މީހުން، އެމީހުންނަށް ވުޒާރާއިން ގުޅިގައިގެން މަޢުލޫމާތު އެއްކުރި." އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު އަދީލް ވިދާޅުވިއެވެ.
ޙައްޖަށް ދިއުމަށް ރަށްރަށުން އަންނަ މީހުންނަށް، އެމީހުންގެ މާލެ ދަތުރާއި ހުރުމުގެ ކަންކަންވެސް ހަމަޖައްސާނީ ސަރުކާރުންނެވެ.
އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. މިއަހަރުގެ ޙައްޖު ދުވަސް މީލާދީގޮތުން ދިމާވަނީ ޖޫން މަހުގެ 5ވަނަ ދުވަހާއެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ވަޢުދާއި އެއްގޮތަށް 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވެއެވެ.