ކުޅިވަރު

ވެޓެރަންސް ލީގު: ނައިބު ރައީސްގެ ލަނޑުން މޮޅުވެ މުއިވޮޔެ އެއްވަނައަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް މުއިވޮޔެ ފްރެންޑްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މިއީ މުބާރާތުގައި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އަތުން ސްޓެލްކޯ މޮޅުވިއިރު، މުއިވެޔޮ ވަނީ ދަ ގްރާންޑޭއާ ވާދަކޮށް އެއްވަރުވެފައެވެ.

ސްޓެލްކޯ އަތުން ހޯދި މޮޅާއެކު މުއިވޮޔެ ވަނީ ގުރޫޕު ބީގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ލިބުނީ މުއިވެޔޮ ޓީމުގެ އަޙްމަދު ސައީދު (އައްމަޓީ) އަށެވެ. އެކަމަކު އައްމަޓީ ފޮނުވާލީ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެހެން ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި އައްމަޓީ ވަނީ މުއިވެޔޮއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުއިވެޔޮއަށް ލީޑު ފުޅާކޮށްދިނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ޓީމުގެ އިބްރާހީމް ފުރުގާން ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޖާއުއެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.