މަގުމަތީގައި ސިޔާސީ އެއްވެސް ޙަރަކާތެއް ހިންގަން ފުރުޞަތު ނުދެއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސުން ހާމަކުރައްވައިފިއެވެ.
އެ އިދާރާއިން މިގޮތަށް އަންގަވާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އެ ޕާޓީގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ހޯމަދުވަހުގެ ރޭ 9:00 އިން 12:00 އަށް މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ އަހަރީދުވަސް ފާހަގަކުރުމަށް އެޕާރޓީން ބާއްވާ ހިނގާލުމުގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި މަޑުކޮށް، ޝުޢޫރު ފާޅުކުރުމަށް ނިންމާފައިވެއެވެ. އަދި މި ހިނގާލުން ފަށާނީ އެމްޑީޕީގެ ހަރުގެއިންކަމަށާއި ނިންމާނީވެސް އެ ސަރަޙައްދަކަށް އެޕާޓީން ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ މަގުމަތީގައި ސިޔާސީ ޙަރަކާތް ނުހިންގޭނެކަން އެމްޑީޕީއަށް އަންގާފައިވާނޭކަމަށެވެ. އަދި މިކަން އެމްޑީޕީއަށް އަންގަވައިފައިވަނީ އެޕާޓީން ބާއްވަން ތައްޔާރުވަމުންދާ ހިނގާލުމުގެ މަޢުލޫމާތު ޙިއްޞާކުރުމަށް އެ އިދާރާއާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މަގުމަތީގައި ސިޔާސީ ޙަރަކާތް ހިންގަން ފުރުޞަތު ނުދެއްވާނީ، މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން، ހިނގާބިނގާވާ މީހުންނާއި، ޟަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި، މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި، އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާތީ ކަމަށެވެ. އަދި ފުލުހުންގެ އެންގުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތްތައް ހުއްޓުވާނެކަމުގެ އިންޒާރުވެސް އެމްޑީޕީއަށް ދެއްވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސުން ވިދާޅުވެއެވެ.
މީގެ އިތުރުން މިއަދުގެ ހުކުރު ނަމާދަށްފަހު ދުޢާކުރުމުގެ ނަމުގައި އިސްލާމީ މަރުކަޒު ބޭރުގައި ސިޔާސީ ޙަރަކާތެއް ހިންގަން އުޅުމުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްޓުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިސްކިތްތަކާއި މިސްކިތް ހިމެނޭ ސަރަޙައްދުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތެއް ނުދެއްވާނެކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގާފައި ވަނިކޮށް ސިޔާސީ ފަރާތްތަކަށް ތާއީދުކުރާ ބަޔަކު މިއަދުގެ ހުކުރު ނަމާދަށްފަހު ހިންގަން އުޅުނު ސިޔާސީ ޙަރަކާތް އެ މުއައްސަސާގެ ފަރާތުން ހުއްޓުވާފައި ވަނީ ހަމަނުޖެހުމެއް ހިނގުމަކާ ނުލައި ޞުލްޙަވެރި ކަމާއެކުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރައްވާފައި ނުވާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިސްކިތްތަކަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމަށް ވުމާއެކު މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތްތައް ހިންގުމަކީ ޤާނޫނީ ގޮތުންވެސް މަނާކޮށްފައިވާ ކަމެއްކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ތަނުގައިވެސް މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތްތައް ހިންގާނަމަ އެކަމެއް ހުއްޓުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.